ޚަބަރުސިޔާސީ

އެކެއް ފެބުރުއަރީގެ އަމުރު ނެރެން އިންޑިއާ އަތުގަ ހިފިގޮތަށް ސަރުކާރު އޮތީ ކަނޑުމަތި އަޅާފަ: ރައީސް ޔާމީން

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ޖުޑިޝަރީ ތެރެއިން ހިންގަން އުޅުނު ބަޣާވާތުގެ އަމުރު ނެރެން އިންޑިއާ އަތުގަ ހިފިގޮތަށް ސަރުކާރު އޮތީ ކަނޑުމަތި އަޅާފައި ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަށް ފ.ނިލަންދޫއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމަކީ އަދުގެ ސަރުކާރުން އިދިކޮޅުގައި ތިބިއިރު ހެދުނު ގޯހެއްގަ ސަބަބުން މެދުވެރިވެގެން އުޅޭ ކަމެއް ކަމުގައެވެ.

ޔާމީން ވިދާޅުވިގޮތުގައި އެކެއް ފެބުރުއަރީގެ އަމުރު ނެރެން އަދުގެ ކޯލިޝަން ސަރުކާރުން އިދިކޮޅުގައި ތިބިިިއިރު އެމަނިކުފާނުގެ ވެރިކަން ފުރޮޅާލުމަށް އިންޑިއާ ސަރުކާރުން ބޮޑު އެހީތެރިކަމެއް ހޯދި ކަމުގައެވެ.

”އެމީހުން މީގެން ނެއްޓޭނެ ހަމަ އެއްވެސް ގޮތެއް ނެތް. އެތިބީ ކަނޑުމަތި އަޅާފަ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް އިންޑިއާ އިން ނުފޫޒު ފޯރުވިކަމުގެ ވާހަކަތައް އިދިކޮޅުން ކާނިވާ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ “ކޮތަރި ކޮށި” ޖަލްސާގައި ވާހާކަފުޅު ދައްކަވަމުންވެސް ރައީސް ޔާމީން ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން އިންޑިއާ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމަކުން އެކަމާއި މެދު އެއްޗެއް ނުބުނާ ކަމުގައެވެ.

ރައީސް ޔާމީން ހާމަކުރެއްވިގޮތުގައި އިންޑިއާގެ ނިއު ދިއްލީ އިން ރައީސް އޮފީހަށް 3 ސިޓީ ފޮނުވިއެވެ. އަދި އެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލު ކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޔާމީން ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެެއް ފެންމަތިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މި ބޭފުޅުން ޕެރިމީޓާއެއް ދަމާލާފަ މިބުނަނީ ތިމަންނަމެން ހާޒިރެއް ނުކުރެވޭނެއޭ. ތުހުމަތުގެ މައްސަލަ، ކޮރަޕްޝަންގެ މައްސަލައެއް މިއޮތީ ކާކަށް ތޯ؟ އަބްދުﷲ ސައީދަށް. ފަނޑިޔާރަކަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ވަކާލާތުކުރަން ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ދިފާއަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އެ މައްސަލަ ބެލެން އޮތް ހަމަ އެކަނި ގޮތަކީ ގާނޫނީ އިމުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ.

“އެ ނޫން އެއްވެސް ގޮތެއް ނެތް އެބޭފުޅުން ހާޒިރު ކުރެވޭނެ. އެއީ ޓިނު ނަގަން ޖެހުނު ގޮތް.” ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރުގެ ކަންކަމަށް ބަލާލުމުން ދާހިލީ ކަންކަމަށް އިންޑިއާ އިން ވަންނަ މިންވަރު ހާމަވެގެން ދާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button