ޚަބަރުސިޔާސީ

އެކެއް ފެބުރުއަރީގެ އަމުރަށް އިންޑިއާ އިން ނުފޫޒު ފޯރުވި ގޮތް ރައީސް ޔާމީން ހާމަކުރައްވައިފި

އެކެއް ފެބުރުއަރީގެ އަމުރަށް އިންޑިއާ އިން ނުފޫޒު ފޯރުވިކަމުގެ އިޝާރާތެއް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވައިފިއެވެ.

އިދިކޮޅުން ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށް ގެންދާ ”ކޮތަރި ކޮށި“ ޖަލްސާގައި ވާހާކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން އިންޑިއާ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމަކުން އެކަމާއި މެދު އެއްޗެއް ނުބުނާ ކަމުގައެވެ.

ރައީސް ޔާމީން ހާމަކުރެއްވިގޮތުގައި އިންޑިއާގެ ނިއު ދިއްލީ އިން ރައީސް އޮފީހަށް 3 ސިޓީ ފޮނުވިއެވެ. އަދި އެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލު ކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޔާމީން ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެެއް ފެންމަތިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މި ބޭފުޅުން ޕެރިމީޓާއެއް ދަމާލާފަ މިބުނަނީ ތިމަންނަމެން ހާޒިރެއް ނުކުރެވޭނެއޭ. ތުހުމަތުގެ މައްސަލަ، ކޮރަޕްޝަންގެ މައްސަލައެއް މިއޮތީ ކާކަށް ތޯ؟ އަބްދުﷲ ސައީދަށް. ފަނޑިޔާރަކަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ވަކާލާތުކުރަން ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ދިފާއަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އެ މައްސަލަ ބެލެން އޮތް ހަމަ އެކަނި ގޮތަކީ ގާނޫނީ އިމުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ.

”އެ ނޫން އެއްވެސް ގޮތެއް ނެތް އެބޭފުޅުން ހާޒިރު ކުރެވޭނެ. އެއީ ޓިނު ނަގަން ޖެހުނު ގޮތް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރުގެ ކަންކަމަށް ބަލާލުމުން ދާހިލީ ކަންކަމަށް އިންޑިއާ އިން ވަންނަ މިންވަރު ހާމަވެގެން ދާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button