ރިޕޯޓް

އެނގިހުރެ ނޭނގޭ ކަމަށް ހެދީހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އެއްވެސް އިންޓެލިޖެންސް ސޯސްއަކަށް އެނގިފައި ނުވާ ވަހަކައަކީ މި ހަމަލާގައި އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ދެވޭ މީހާގެ ސެކިއުރިޓީ ހިނދުކޮޅެއްގެ ތެރޭގައި ފޫއަޅުވާލެވިގެން ދިޔައިރު ދިވެހި ސަލާމަތީ ބާރުތަކުގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމަށް ވެރިކަން ކުރާ އެމްޑިޕީގެ މަޖިލިސް މެމްބަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޓެލިޖެންސް ފެއިލް ވެފައި ނުވާކަމަށާއި އަރުވަމުން ދިޔައީ އެންމެ މަތީ ލެވެލް ގެ ސެކުއިރިޓީ ކަމަށް ސަރުކާރުގެ ވެރިން އެކި ފޯރަމް ތަކުގައި ދަނީ ބުނަމުންނެވެ.
ހަމަލާގެ ވަރުގަދަކަން އަންދާޒާ ކޮށްލެވުނީ ޖެނެރަލް ޝަމާލު އެ ގޮވުމަކީ މީގެ ކުރިން ރާއްޖޭގައި ދެވުނު މިފަދަ އެހެން ހަމަލާއެއް ކަމަށް ވާ ސަލްޓަންޕާކުގައި ގޮއްވާލި ބޮމުގެ ހަމަލައަށް ވުރެ ވެސް މި ހަމަލާގެ ނުރައްކާތެރިކަން ބޮޑު ކަމަށް ސިފަ ކުރެއްވީމައެވެ. ނަމަވެސް ބަޔަކު މިފަދަ ބޮޑު ކަމެއް ކުރަމުން ދިޔައިރު އެތައްމިލިއަނުން ހަރަދުކުރާ ސިފައިންނާއި ފުލުހުންގެ އިންޓެލް އޮތީ ނިދާފަތޯ މިއީ އެތައް ބަޔަކު ކުރާ ސުވާލެކެވެ. ނޫން ނަމަ އިންޓެލް ލިބިމެ ފަރުވާ ކުޑަކޮށްލީތޯއެވެ. ނޫނީ ގަސްދުގައި އެކަން ހިންދާލީތޯއެވެ. ނުވަތަ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަލުން ތުހުމަތު ކުރާ ގޮތައް މިއީ ”އިންސައިޑް ޖޮބް“ އެތެރެ ކޮއިލަށް އެނގި ތިބެ ހިނގި ކަމެއް ތޯއެވެ.

”ހަމަލާއެއް ދޭން އުޅޭ ކަން ޑިފެންސް މިނިސްޓަރަށް އިނގޭ“

ހުޅުދޫ ދާއިރާގެ މެމްބަަރު އިލްޔާސް ލަބީބު މީގެ އެތައް ދުވަހެއް ކުރިން ޑިފެންސް މިނިސްޓަރު މާރިއާއަށް ފޯން ކޯލެއް ކުރިއެވެ. އެ ކޯލުގައި އޭނާ ވަނީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް ދަންނަވާފައެވެ. އަދި ރައީސް ނަޝީދަށް ”ބެލުމަށް“ އިލްޔާސް އެކޯލުގައި ވަނީ ބުނެފައެވެ. މިކަން މިހާރު ޑިފެންސް މިނިސްޓަރު މާރިޔާ އަދި އިލްޔާސް ލަބީބްވެސް ވަނީ މީޑިއާގައި ޔަގީންކޮށްދީފައެވެ. އެހެން ކަމުން މިއީ ހިނގާފައި އޮތް ފޯނުކޯލެއްކަން އިނގެއެވެ.

ދެން އޮތީ އެކޯލާއި އެކު ޑިފެންސް މިނިސްޓަރު މާރިޔާ އަމަލު ކުރެއްވި ގޮތެވެ. އިންޓެލް މައުލޫމާތަކީ ސީދާ ހާދިސާ ހިނގާ ގޮތުގެ މައުލޫމާތު އަލިފުން ޔާއަށް ބިނާކޮށް ލިބޭ މައުލޫމާތެއް ނޫނެވެ. ފުލުހުންގެ އިންޓެލިޖެންސް އިދާރާގެ ވެރިއެއްގެ މަގާމުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އޮފިސަރަކު ”ބޮންތި“އަށް ވިދާޅުވީ މި ހާދިސާގެ ކުރިން އިންޓެލް ނުލިބޭ ކަމަށް ސަރުކާރުން ބުނާ ބުނުން އިލްޔާސް ގެ ފޯނު ކޯލާއި ހިސާބުން ނަފީ ވާކަމަށެވެ.

”ބައްލަވާ އިލްޔާސް ވިދާޅުވެފައި އެވާ ވާހަކަތަކަށް ބަލާ، އިޓްސް އަ ލޮޓް އޮފް އިންފޮމޭޝަން ޓު ރިއެކްޓް. ކޮންމެ ފަހަރަކު އިންޓެލް އަންނާނީ ހާދިސާ ހިނގާނެ ގޮތުގެ ފުލް ޑީޓެއިލް އާ އެއްކޮނެއް ނޫން“ މި ހާދިސާއަށް ބަލާއިރު އިހުމާލް ތަކެއް އެބައޮތް“

ކަން މިހެން އޮތް ނަމަވެސް މާރިއާ އެކަން ދޮގުކުރެއެވެ. އަދި ދިފާއުގައި އޭނާ ވިދާޅުވީ ލިބުނު މައުލޫމާތާއި އެކު އެކަށީގެންވާ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އިލްޔާސް ގާތު ފުލުހުންގެ ވެރިންނަށް ލިބުނު މައުލޫމާތު ހިއްސާ ކުރުމަށް އެންގި ކަމަށެވެ.

ފުލުހުންނަށް އަންގަން މާރިޔާ ނުބުނޭ- އިލްޔާސް

މާރިޔާ މީގެ ކުރިން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އޭނާއާ އިލްޔާސް ހިއްސާ ކުރި މައުލޫމާތު ފުލުހުންގެ ވެރިންނަށް ހިއްސާ ކުރުމަށް އިލްޔާސް ގާތުގައި އެދުނު ކަމަށެވެ. ނަމަވެސް އިލްޔާސް އެކަން ދޮގު ކުރެއެވެ. އަދި ފުލުސް އޮފީހުގެ ވެރިއާ މުހައްމަދު ހަމީދުވެސް ވަނީ މި ހަމަލާއާ ގުޅޭ މައުލޫމާތު ނުލިބޭ ކަމަށް ބުނެފައެވެ.

ފުލުހުންނާއި އިލްޔާސް މިހެން ބުނާއިރު މާރިޔާ މި މައްސަލާގައި ހަދާފައިވާ ސްޓޭޓްމެންޓުގައި މައްސަލަ އެއް އުޅޭކަން ދޭހަވެއެވެ. ކަމުގެ ބޮޑު މިނަށް ބަލާއިރު މި މައުލޫމާތު ހިއްސާ ކުރަންވާނީ ސީދާ މާރިޔާއެވެ. އިލްޔާސް އެއޮތީ އޭނާގެ ޒިންމާއަދާކޮށްފައެވެ. ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވާހެން “ ފަރުދީ ޒިންމާ“ އަދާކޮށްފައެވެ. މީގައި ޒިންމާއިން ފަރުވާ ކުޑަ ކުރެވުނީ ޑިފެންސް މިނިސްޓަށްކަން ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

”މައުލޫމާތާއި އެކުވެސް ރައީސް ނަޝީދަށް އެރުވި ސެކިއުރީޓީގައި އެތައް ލޫޕް ހޯލެއް“

ލިބުނު މައުލޫމާތާއި އެކު ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރިކަމަށް ސަރުކަރުގެ އިސްވެރިން ބުނި ނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު އެމަނިކުފާނަށް އަރުވަމުން ދިޔައީ އެންމެ ވަރުގަދަ ސެކިއުރީޓީ ނޫންކަން ބެލެވޭނެ ޖާގަ އެބައޮތެވެ.

ސެކިއުރީޓީ ވަރުގަދަ ކުރުމަށް ނީލޯފަރު މަގުގައި ޕާކް ނުުކުރެވޭ ގޮތައް ހަދަން އެމްއެންޑީއެފުން އެދިފައިވާއިރު ސުވާލަކީ ހައި ރިސްކު ބޭފުޅަކު އުޅުއްވަމުންގެންދަވާ ތަނަކަށް އެ ސަރަހައްދު ވާއިރު، އަދި އެއީ ރައީސް ނަޝީދުގެ ސަލާމަތައް އެ މަގު ހުސްކޮށް ކާރަށް ވަދެވޭ ގޮތް ހެދުމަކީ މުހިންމު ކަމަކަށް ވާއިރު މިހާ ދުވަސް ވަންދެން އެކަން ނުކޮށް އޮތީ ކީއްވެތޯއެވެ. މީގެ ކުރިން ސަރުކާރުގެ ވެރިންގެ ވެހިކަލް ބޭއްވުމަށް ގެއާ އެންމެ ކައިރިން ޖާގަ ހަދައި މަގުގެ ޕާކިން ހުސްކުރާއިރު ރައީސް ނަޝީދުގެ ކާރު ބާއްވަން މަޖީދީ މަގުން ޖާގަ ހެދީ ކީއްވެތޯއެވެ. އާދައިގެ މިނިސްޓަރަކަށް ވުރެ ރައީސް ނަޝީދަކީ ކްރިޓީކަލް ބޭފުޅެއް ކަން އެނގެއެވެ. އެހެން ކަމުން އެކަން ލަސްވީ ކީއްވެތޯ އެއީ ސުވާލެކެވެ.

އަދި ފަހުން ސިޓީ ކައުންސިލަށް އެތަން ހުސްކުރަން އެންގި ފަހުންވެސް ދެމަސް ވާން ކައިރިވެފައިވާއިރު، ޒިންމާދާރު ބަޔަކު ނަމަ ކަމުގެ ސީރިއަސް ކަމަށް ބަލައި އެކަން އަވަސް ކުރަން ނާންގާނެތޯއެވެ.

ދެން އޮތީ ޖެނެރަލް ޝަމާލް ހަމަލާއާ ގުޅިގެން ވިދާޅުވި ވާހަކައާ ފަހުން އާންމުވެގެން ދިޔަ ހަމަލާގެ ވީޑިއޯގައި ފެންނަ މަންޒަރާއި ދިމާ ނުވާ ބައެއް ސެކިއުރީޓީ ލޫޕް ހޯލްއެވެ. ރައީސް ނަޝީދު ގެއިން ނުކުމެ ނީލޯފަރު ހިނގުމުން ކާރުކޮޅާއި ދިމާއަށް ދަތުރު ކުރަމުން ދިޔައިރު އެމަނިކުފާނުގެ ސެކިއުރީޓީ އެންމެ ރަނގަޅަށް ބެލެހެއްޓިފައި ނެތްކަން އެނގެއެވެ.

ޕާސަނަލް ސެކިއުރީޓީ އޮފިސަރާއި ސެކިއުރިޓީ އޭޖެންޓާއި ދެމެދު ރައީސް ނަޝީދު ހުންނެވި އިރު އެތަނުން ހިނގައިފައި އައި އާންމުންގެ މީހުންވެސް އެ ދެ އޮފިސަރުންގެ ދެމެދަށް ވަދެ ރައީސް ނަޝީދާއި މުއާމަލާތް ކުރާ މަންޒަރު ފެނެއެވެ. އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ޝަމާލް ވިދާޅުވި މޭރުމުންނަމަ އެމަނިކުފާނަށް ދެވުނު ސެކިއުރިޓީގެ ވަރުގަދަ ކަމުން އެފަދަ ކަމެއް ހިނގުމަކީ ނަދިރު ކަމެކެވެ. ނަމަވެސް އާންމުކުރި ވީޑިއޯއިން ފެންނަނީ އެމަންޒަރެވެ.

”ޕީއެސްއޯއާ އޭޖެންޓާއި ދެމެދުގައި ވީއައިޕީ ހުންނައިރު އެ ދޭތެރެއަށް އާންމުންނަށް ވަދޭވޭ ގޮތައް ހުރުމަކީ ސެކިއުރިޓީގެ ލޫޕް ހޯލްއެއް. އެހާ ކްރިޓީކަލް ވީއައިޕީއަކަށް ސެކިއުރީޓީ ދޭ އިރު އަދި މަގަކީ ހަނި މަގަކަށް ވާއިރު ކޮންމެ ފަދަ ގަޑިއެއްގައި ވެސް ކަމެއް ހިނގާފާނެ ކަމަށް އެ ލައިން ޖެހޭ ސެކިއޯ ކުރަން. ކޮންމެ މީހަކަށް އ ދޭތެރެއަށް ވަދެވޭނަމަ އެއީ ހަމަލާ ދެން ބޭނުންވާ މީހަކަށް ލިބޭނެ އެޑްވާންޓޭޖެއް“ ސިފައިންގޭގައި ބޮޑީގާޑުން ތަމްރީން ކުރަން މަސައްކަތް ކުރި ރިޓަޔާޑް އޮފިސަރަކު ވިދާޅުވިއެވެ.

ދެން އޮތީ މޮޓޯ ކޭޑްގެ ވާހަކައެވެ. ރައީސް ނަޝީދުފަދަ އަދި މީގެ ކުރިން އެފަދަ ހަމަލާއެއް ދީފާނެ މީހެއް ކަމަށް ބަލައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ މީހެއްގެ މޮޓޯކޭޑަށް ބަލާއިރު ސެކިއުރިޓީ ގޮތުން ފޫނުބެދޭ ކަންކަން ބައިވަރެވެ.

މޮޓޯ ކޭޑްގައި މަގު ބްލޮކް ކޮށް ޖާގަހަދަން ފުލުހުންގެ ދެ ސައިކަލު އާންމުކޮށް ބޭނުން ކުރި ނަމަވެސް ރައީސް ނަޝީދުގެ ސެކިއުރީޓީގައި ފުލުހުންގެ އެ ބައިވެރިވުމެއް ނެތެވެ. ރޭންޖ ބްލޮކް ކުރަން  ބޭނުން ކުރާ ވެހިކަލެއް ނެތެވެ. އަދި ވެސް އެހެން ބައިވަރު މހިންމު ވެހިކަލް އެމަނިކުފާނުގެ މޮޓޯކޭޑްގައި ނުހިމެނެއެވެ. ހައިރިސްކް ބޭފުޅަކަށް ވާއިރު އެކަން އޮގަތައް ނުކޮށް އޮތީ ކީއްވެތޯއެވެ. އަދި ހަމަލާއެއް ދީފިނަމަ ބެކަޕްގައި ބަޔަކު އަންނަންވެސް ޖެހެއެވެ. ނަމަވެސް މިހަމަލާގައި ބެކަޕް އެ ސަރަހައްދަށް އައިތޯ؟ އައި ނަމަ އައީ ކިހާ އިރެއް ފަހުންތޯ މިއީވެސް ހަމަ ސުވާލެވެ.

މި ހުރިހާ ލޫޕްހޯލަކަށް ބަލާއިރު އެންމެ ރަނގަޅަށް ހަމަލާއަކަށް ތައްޔާރުވެފައި ނެތްކަން އެނގއެވެ. ސަލާމާތީ ގޮތުން އަރުވަމުން ދިޔައީ އެންމެ ރަނގަޅު ސެކިއުރީކަން ބުނަން ދައްޗެވެ. ފަރުވާ ކުޑަކަމުން ނުވަތަ ގަސްދުގައި ދޫކޮށްލެވިފައި ހުރި ކަންކަން ބައިވަރެވެ.

އެނގިހުރެ ނޭނގޭ ކަމަށް ހެދީހެއްޔެވެ؟

މިއީ އެންމެ ބޮޑު ސުވާލެވެ. އިލްޔާސްގެ ފޯނުކޯލަށް ފަހު ސިފައިންނަށް ހިލަމެއް ވެފައި ވާއިރު ދެން ވެސް އެކަށީގެންވާ ފިޔަވަޅު ނޭޅި ނުވަތަ ފަރުވާކުޑަވެ ބޮޑު ހަމަލާއެއް ދެވުނު އިރު މިއީ އެނގި ތިބެ ނޭންގޭ ކަމަށް ހެދުންތޯ ސުވާލު އުފެދެއެވެ.

ރައީސް ނަޝީދުގެ ދަރިކަލުން މީރާ ލައިލާ ނަޝީދު މީގެ ކުރިން ވަނީ ސަރުކާރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެ ތުހުމަތު ތަކަާއި ގުޅޭ ގޮތުން ފަހުންވެސް އޭނާ ވަނީ ވާހަކަދައްކާފައެވެ. ނަމަވެސް ސަރުކާރުން އޭނާގެ އެ ތުހުމަތުތަކަށް ކަންބޮޑުވުންތަކަށް ދިނީ ބީރުކަންފަތެވެ. އަދި އެކަންކަން ބަލަމުންދާ ކަމަށްވެސް ނުވަތަ ބަލާކަންވެސް ސަރުކާރަކުން ނުބުނެއެވެ.

ނަމަވެސް ކަމުގެ ބޮޑު ކަމަށް ބަލާއިރު އެކަން ކަން ބަލަން ޖެހެއެވެ. އެއީ ބޮޑެތި ތުހުމަތުތަކެވެ. އަދި އިލްޔާސްގެ ފޯނުކޯލުގެ ވާހަކައަށް ފަހު މީރާ ދެއްކެވި ވާހަކަތައް ބަލަން އިތުރަށް މުހިންމުވެގެންދެއެވެ.

މިއަދު އިހުމާލުގެ ތުހުމަތާއި އެކު ޑިފެންސް މިނިސްޓަރު މަރިއާގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަމުންދާއިރު ވަކި ތަހުގީގެއްގެ ގޮތުގައި މި ”އިހުމާލު“ ބެލެން ޖެހެއެވެ. އަދި މިއީ އިންސައިޑް ޖޮބް އެއްތޯވެސް މިނިވަން ތަހުގީގަކުން ބަލަން ޖެހެއެވެ. އަދި އިސްތިއުފާ ދޭން ޖެހޭ ނަމަ އެ ދޭން ޖެހޭ ބަޔަކު އިސްތިއުފާވެސް ދޭން ޖެހެއެވެ. އެނގިހުރެ ނޭނގޭ ކަމަށް ހެދީ ހަމަ އެކަނި ޑިފެންސް މިނިސްޓަރުތޯ ނުވަތަ އެކަމުގައި އެހެން ބަޔަކު ވެސް ޝާމިލްވޭތޯ ތަހުގީގު ކުރެވެން ޖެހެއެވެ.

 

 

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button