ޚަބަރު

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓު ބެނާ ނެގި އަމުރު ބާތިލްކޮށްފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ކަމަށްވާ ހ.ދޫވެހި ގޭގައި ދަމާފައި ހުރި ”އިންޑިއާ އައުޓު“ ބެނާ ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި މި ބެނާ ފުލުހުން ކެނޑި މައްސަލައިގެ މިއަދުގެ އިސްތިއުނާފް ޝަރީއަތުގެ މަޖިލީހުން ދަށު ކޯޓުގެ އަމުރު ބާތިލް ކުރީ މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުމެއް ބޭއްވީ މިމަހުގެ 23 ވަނަ ދުވަހުގައެވެ. އެ އަޑު އެހުމުގައި ޝަރީއަތުން ވަނީ މުހިންމު ދެ ސުވާލެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލާ ކޮށްފައެވެ.

އެގޮތުން ހިޔާލު ފާޅު ކުރުމުގެ ގާނޫނާއި ދެކޮޅަށް ނުވަތަ ޝުއޫރު ފާޅު ކުރުމަށް ހުރަސްއެޅޭ ގޮތަށް ރާއްޖޭގައި އެއްވެސް ގާނޫނެއް ހެދިފައި އޮތް ތޯ ޝަރީއަތުން ދައުލަތާ ކުރި ސުވާލުގެ ޖަވާބުގައި ވަކީލު ވިދާޅުވީ އެފަދަ ގާނޫނެއް ނެތް ކަމުގައެވެ.

ދައުލަތުން ބުނީ ފުލުހުން ޖަވާބެއް ދިނުން ރަނގަޅުވާނެ ކަމަށެވެ. ފުލުހުން ބުނީ ޖަވާބެއް ނެތް ކަމަށެވެ.

”ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނީ ކިހިނެއްތޯ؟.“ ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.

”އިއްޒަތްތެރި ފަނޑިޔާރު، މިވަގުތު އެކަމަށް އަޅުގަނޑުމެންނަށް ސީދާ ޖަވާބެއް ދެވޭކަށް ނެތް،“ ފުލުހުންގެ ފަރާތުން އަޑުއެހުމަށް ހާޒިރުވި އޮފިސަރު ވިދާޅުވި އެވެ.

އެފަދަ ގާނޫނެއް ނެތް އިރު، ގާނޫނުލް އުގުބާތުގެ 615 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން، އާންމު އިޖުތިމާއާއި މިންގަޑާ ހިލާފު ނުވާގޮތަށް، ގެއެއްގެ ވެރިފަފާތުން ފާޅުކޮށްފައިވާ ޝުއޫރަކާ ގުޅޭ ފޮތިގަނޑެއް ނެގޭނެ ތޯ ނުވަތަ ނޫންތޯ ޝަރީއަތުން ޕީޖީގެ ވަކީލުންނާ ކުރި ސުވާލުގެ ޖަވާބެއް ވެސް ނުދެވުނެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ އިންޑިއާ އައުޓު ބެނާ އަކީ ކުށަކަށް އަރައިގަންނަން ބޭނުންކުރާ އާލާތެއް ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button