ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ކުރެވޭ ތަހުގީގު ތަކުގައި އެމަނިކުފާނާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުން ދަނީ އިންސާފުން ބޭރު ހެކިތަކެއް ކަމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލު، ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ފުލުހުންގެ މައްޗައް މި ތުހުމަތު ކޮށްފައިވާއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ ބޭފުޅުންނާއި އެކު ސަރުކާރުން ކޯޓުން ބޭރުން އެއްބަސްވުންތައް ހަދާފައިވާކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ. މި ތުހުމަތު ކޮށްފައިވަނީ އަދީބު އަދި އެމްއެމްޕީއާރުސީ ކުރީގެ މެނޭޖިންގެ ޑިރެކްޓަރ އަބްދުﷲ ޒިޔާތު ފަދަ ބޭފުޅުންގެ މައްޗައް ބޮޑެތި ދައުވާތަކެއް ކުރެވިފައިވާއިރު، އެބޭފުޅުންގެ ބަންދަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ދެމުން ގެންދާތީ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
”މި ކަންތައްތަކުގެ ސަބަބުން ވެސް ރައީސް ޔާމީންގެ ތަހުގީގުތައް ކުރާ ފުލުހުންގެ ޓީމަށް އޮތް ނުރަނގަޅު ނުފޫޒު ހާމަވޭ.“ ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ދެކޮޅަށް އަދީބު ފަދަ ބޭފުޅުންގެ ހެކިބަސް ބޭނުންކުރަމުން ގެންދާތީ، އެކަމާ މެދު ވެސް ޑރ،ޖަމީލް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އިއްޔެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކެއް ވެސް ޑރ.ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޗެނަލް 13 ގެ ”އިރާދަން ޚަބަރު“ ގައި ރޭ ވާހަކަދައްކަވަމުން ޑރ.ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެގޮތުން މިއަދު ވ.އާރަށުގެ މައްސަލާގައި ކަމަށް ބުނެ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރިއިރު، އެމައްސަލައަކީ މީގެ ކުރިން ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ޑރޖަމީލް ވިދާޅުވިއެވެ.
”އެމައްސަލަ ނިންމާ، ސޮއިކޮށް އިނގިލީގެ ނިޝާން އޮތީ ޖަހާފަ. މިގޮތަށް މައްސަލަ ނިމިފައި އޮއްވާ ފުލުހަށް ހާޒިރުކޮށް ގާނޫނީ އިންޒާރު ދިނުމަކީ ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފު ކަމެއް.“ ޖަމީލް ވިދާޅުވިއެވެ.
ހަމައެއާއިއެކު ދިވެހިރާއްޖޭގެ ރައްޔިތެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ރައްކާތެރިކަން، ރައީސް ޔާމީން ފުލުހަށް ހާޒިރުކުރާއިރު ނުދޭ ކަމަށް ވެސް ޑރ.ޖަމީލް ބުނެފައިވެއެވެ. އަދި ފުލުހުން ރައީސް ޔާމީންގެ ތަހުގީގު ކުރިޔަށް ގެންދިޔުމުގައި ގާނޫނު އަސާސީގެ 244 ވަނަ މާއްދާއާއި ހިލާފަށް ބައެއް އަމަލުތައް ބަހައްޓާކަމަށް ވިދާޅުވެ ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.