ޚަބަރު

އަދިވެސް ލިބެމުން މިދަނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅުގެ ފޮނި މޭވާ: ތޯރިގް

މިވެރިކަމަށް 3 އަހަރު ވީއިރުވެސް އަދިވެސް ލިބެމުން މިދަނީ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތްޕުޅުގެ ފޮނި މޭވާ ކަމަށް ކުރީގެ އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މަސައްކަތްޕުޅު ތޯރިގް ސިފަކުރައްވާފައިވަނީ ”ވިޝަނަރީ“ މަސައްކަތްތަކެއްގެ ގޮތުގައެވެ.

ތޯރިގް މި ޓްވީޓް ކުރައްވާފައިވަނީ ރައީސް ޔާމީންމްގެ ވެރިކަމުގައި ފެއްޓެވި، މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ނިމި، މާދަމާ އެވިއުގަ ގުޅާލަން ނިންމާފައިވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މި ޕްރޮޖެކްޓް ތޯރިގް ސިފަކުރައްވާފައިވަނީ ފައިދާބޮޑު، ބިނާކުރަނިވި މަޝްރޫޢެއްގެ ގޮތުގައެވެ.

މި މަޝްރޫއަކީ ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ފަށާފައިވާއިރު، މިމަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ 104 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 50 މެގަވޯޓުގެ ޕަވާ ސްޓޭޝަނަކާއި، ފިއުލް ފާމެއް އަދި ވޯޓާ ޑިސެލިނޭޝަން ފެސިލިޓީއެއް ވަނީ ގާއިމުކޮަށްފައެވެ.

’ދިޔަރެސް‘ ނޫހަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢު ނިމުމުން މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކަށް ކަރަންޓުގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެ މައްސަލައެއް ހައްލުކުރަން ފަސޭހަވެ ކަރަންޓު ކެނޑުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button