ޚަބަރުސިޔާސީ

ދައުލަތުން ހަރަދު ދޭން ނުޖެހޭ ތަންތަނަށް ކުންފުނިތައް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ކަނޑައަޅައިފި

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައި.) ކަނޑައެޅުން ހިމެނެއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް މިއަދު ނިންމެވިއެވެ.

މީގެ އިތުރުން އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވިއެވެ. މީގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތައް ހަރުދަނާކުރުމަށް އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ހަމައަށް ފުރުޞަތުދީ އެމުއްދަތުގެ ތެރޭގައިވެސް ނަތީޖާ ނުނެރެވޭނަމަ އެފަދަ ކުންފުނިތައް އަލުން އެކުލަވައިލުން، އެއްކޮށްލުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނިކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ އިތުރުން، އައު ކުންފުންޏެއް އުފެއްދުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ދަޢުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button