އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރުރައްވާ ޕީޕީއެމްގެ ރަޖިސްޓްރާރް އަދި ދާއިރާގެ ޕީޕީއެމްގެ ރައީސް އަހުމަދު ހަމްދާނަށް ހޮޅުދޫ އެކި ދައުރުތަކުގެ ކައުންސިލްގެ ބޭފުޅުން ތާއީދުކުރަން ނިންމަވައިފިއެވެ.
މަޖިލިސް މެންބަރެއްގެ ގޮތުގައި ހޮޅުދޫ ދާއިރާއަށް ހަމްދާން އިންތިހާބުކުރުމަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހޮޅުދޫ ކައުންސިލްގެ ރައީސް، ކުރީގެ އަތޮޅު ކައުންސިލް މެންބަރު އަދި މިހާރުގެ ހޮޅުދޫ ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން ދެ ކައުންސިލް މެންބަރަކުވެސް ހިމެނެއެވެ.
ހަމްދާނަށް ތާއީދު ކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ހޮޅުދޫ ކައުންސިލްގެ ކުރީގެ ދެ ރައީސުންނާއި، ކުރީގެ ފަސް ކައުންސިލަރަކުވެސް ހިމެނެއެވެ. މީގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ދެ މެންބަރުންވެސް ވަނީ ހަމްދާނަށް މަސައްކަތް ކޮށްދެއްވުމަށް ނިންމަވާފައެވެ.
ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދައުރުތަކުގައި ރައްޔިތުން އިންތިހާބު ކުރި އެފަދަ ބޭފުޅުންކޮޅެއް ހަމްދާނަށް ތާއީދު ކުރައްވަން ނިންމެވީ ކީއްވެތޯ ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޟްވާން އާއި ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ދާއިރާއާއި ރަށު ފެންވަރުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ހަމްދާން ކަމުގައެވެ.
”އެއީ މަސައްކަތަށް ހީވާގި، އަމާނާތްތެރި، ދާއިރާގެ ރައްޔިތުންގެ ރޫހުގައި މަސައްކަތް ކުރައްވާ ބޭފުޅަކީ. ޝުކުރު ހައްގު އަދި މެންބަރުކަމަށް އެވަރުގެ ކެންޑިޑޭޓެއް ނެތް.“ ރިޟްވާން ވިދާޅުވިއެވެ.
ދާއިރާގެ ގިނަ ކަމުވޮށިގެންވާ ބޭފުޅުންނާއި، ޒުވާނުންގެ ތާއީދު ހަމްދާނަށް ލިބެމުން އަންނައިރު، އޭނާ އަކީ އިދާރާތަށް ހިންގުމުގެވެސް ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ހޮޅުދޫ ކައުންސިލްގެ ނައިބު ކަމުގެ މަގާމު ހަމްދާން ވަނީ ދެ ދައުރު އަދާކުރައްވާފަައެވެ.