ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި ހުންނަވާ މުއްދަތުގައި ކަރެކްޝަންއިން އެ މަނިކުފާނަށް ހުއްދަ ނުދޭން ނިންމީ ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ޕާޓީ އޮފީހަށް ގޮސް މީހުންނާ ބައްދަލު ކުރުން ކަމަށް އެމަނިކުފާނުގެ ލޯޔަރު، އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ބަންދަށް ކުރިން ދީފައިވާ ލުޔާ އެއްގޮތަށް ފަހުން އެދުނު ލުއިތައް ދިނުމުގައި ވެސް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމުގައެވެ.
ރައީސް ޔާމީންގެ ފަރާތުން ދެ ކަމަކަށް ލުއި ހޯދުމަށް ވަނީ އެދި ހުށަހަޅާފައެވެ. ފުރަތަމަ ކަމަކަށް އެދިފައި ވަނީ ރައީސް ޔާމީނާއެކު ކަރެކްޝަންސްއިން ވެފައިވާ އިގުރާރުގައި ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުން މަނާކޮށްފައި ވާތީ އެކަމަށް ލުޔެއް ދިނުމަށް އެދިއެވެ. އެގޮތުން ރައީސް ޔާމީންގެ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ އިންޓަވިއު ދިނުމުގެ ހުއްދަ ދިނުމަށް އެމަނިކުފާނުގެ ފަރާތުން ވަނީ އެދިފައެވެ.
ދެވަނަ ކަމަކަށް އެދިފައި ވަނީ ރައީސް ޔާމީން ބައްދަލު ކުރަން އެދޭ މީހުންނާ ޕީއެންއެފް ޕާޓީ އޮފީހުގައި ބައްދަލު ކުރުމުގެ ހުއްދައަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ރައީސް ޔާމީން ބައްދަލު ކުރަން އެދޭ މީހުންނާ ގެއިން ބައްދަލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވުމެވެ.
ރައީސް ޔާމީންގެ ފަރާތުން އެދިލެއްވި ލުއިތައް ނުދޭން ކަރެކްޝަންސް އިން ނިންމީ އެކަން ކުރުމަށް ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރި ކަމަށް ބުނެއެވެ. ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެމަނިކުފާނު ބަންދުގައި ހުންނެވީ ކުރީގެ ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައި، ނުފޫޒު ފޯރުވަމުން ގެންދިޔުމުގެ ސަބަބުން ކަމަށް ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އޭރު ވައުދުވެވަޑައިގެންފައިވީ ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދާ ހަމައަށް ވެސް ރައީސް ޔާމީންއަށް ކުރީގެ ސަރުކާރުން ދިން ލުއި ފިޔަވައި އިތުރު އެއްވެސް ލުޔެއް މިސަރުކާރުން ދީފައެއް ނުވެއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވަނީ ތުހުމަތު ކުރައްވާފައެވެ.