ޚަބަރުސިޔާސީ

ގައުމަށްޓަކައި ބައެއްގެ ފުރާނަ ދިޔުމުން، އެކަމުގެ އަގު ވަޒަން ނުކުރުމަށްވުރެ ބޮޑު ދެރައެއް އެގައުމަކަށް ނުލިބޭނެ: ޖެނެރަލް ޝިޔާމް

ގައުމަށްޓަކައި ބައެއްގެ ފުރާނަ ދިޔައިމަ، އެކަމަކު އަގު ވަޒަން ނުކުރުމަށްވުރެ ބޮޑު ދެރައެއް އެގައުމަކަށް ނުލިބޭނެ ކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަޑް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ”ބޮންތި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސިފައިންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވީ، ނޮވެމްބަރު 3 ގެ ހަނދާންތައް އައު ކުރުމަކީ ޖަލްސާއެއް ބާއްވައިގެން ފުއްދާލެވޭނެކަމެއް ނޫންކަމަށާއި ގައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވި ސިފައިންނާއި، ޝަހީދުވި އާންމުންގެ ހަނދާންތައް ކުލަގަދަކޮށް ފާހަގަކޮށް، އެދުވަސް ތަފްސީލްކޮށް މިއަދުގެ ޖީލަށާއި، ދަރީންގެ ދަރީންނަށް ކިޔައިދޭން ޖެހޭ ކަމުގައެވެ.

އެދުވަހުގެ ދުޝްމަނުންނާއި ބަތަލުން އެނގެންޖެހޭކަމަށާއި، އެދުވަހު ޝަހީދުވި 19 ދިވެހިންގެ އާއިލާތަކަށް ގައުމު ތާއަބަދު ޝުކުރުވެރިވާންޖެހޭނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

”އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ އެދުވަހުގެ ހަނދާންތަކާ ގުޅޭ ބިނާއެއް ހުރެގެން، ސިފައިންގެ ފާރު ގޮއްވާލި ދިމާލުން ތިބޭފުޅުންނަށް މިހާރު އެ ފެންނަ މޮނިއުމެންޓް ޑިޒައިންކޮށް އެތަން އަޅުގަނޑާއި، ސިފައިންގެ ހީވާގި ޓީމުން ކުރެވުނީތީ އުފާކުރާން. އެކަމަކު އެ ހާދިސާ ހިނގިތާ 23 އަހަރު ވާންދެން އެކަން ނުކޮށް އޮތުމަކީ އަޅުގަނޑު ވަރަށް ދެރަވިކަމެއް.“ ޝިޔާމް ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް ޝިޔާމް އެ ވިދާޅުވި މޮނިއުމެންޓަކީ ދިވެހިން ތަކެއް އަޑީގައި ތިބެ، ތަމަޅަ ޖަމާއަތެއް ކަމަށްވާ އެލްޓީޓީން 1988 ވަނަ އަހަރު ރާއްޖެ ހިފަން ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިންގެ ޒިކުރާ އައު ކުރުމަށާއި، އެދުވަހު ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ދުޝްމަނުން ބަލިވެ، ސިފައިން އެދުވަހު ތިބި އަޒުމާއި، ރޫހު ރަމްޒުކޮށްދޭ މޮނިއުމެންޓެކެވެ.

އެ މޮނިއުމެންޓުގައި ހިމެނެނީ، ސިފައިންގެ މަރުކަޒު ގޮއްވާލައިގެން ދުޝްމަނުން ވަނުމަށްޓަކައި ހެދި ބާގަނޑާއި، އެބާގަނޑުގެ ތެރެއިން ފެންނަ ވަރުގަދަ އައްޑަނައާއި، އެ އައްޑަނައިގައި ކީރިތި ގުރުއާނުގައިވާ ޝަހީދުންނާއި ބެހޭ އާޔަތެވެ. އަދި މުޅި މޮނިއުމެންޓުން ސިފައިން ބުނެދެނީ ގައުމަށްޓަކައި ފުރާނަ ދުއްވާލައިގެންވިޔަސް ސިފައިންގެ މަރުކަޒު ފޫއަޅުވައި ނުލެވޭނެކަމެވެ.

މޮނިއުމެންޓުގައިވާ 8 ދިދައަކީ އެދުވަހު ޝަހީދުވި ސިފައިންގެ 8 ބޭކަލުން ރަމްޒުކޮށްދޭ ހަނދާންތަކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ސިފައިން ބޭއްވި ހާއްސަ ހަފްލާއަށް ދައުވަތު ލިބިވަޑައިގެންނެވިތޯ ”ބޮންތި“ އިން ސުވާލު ކުރުމުން މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވީ ދައުވަތު ލިބުނު ކަމުގައެވެ.

”އަޅުގަނޑު ބުނިން މޮނިއުމެންޓާއި، ސަލްޓަން ޕާކަށް ބަލާލުމުން އަޅުގަނޑޭ ހީކޮށްލާށޭ. ކޮންމެ ހިސާބަކުން ނަމަވެސް އެ މަސައްކަތް ކުރެވުނީތީ މިއަދު ވަރަށް ފުން އިހުސާސްތަކެއް އެބަހުރި.“ޝިޔާމް ވިދާޅުވިއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ފާރު ގޮއްވާލައިގެން ތަމަޅައިންނަށް ނުވަދެވުނީ، ސިފައިންގެ މަރުކަޒު ތެރެއިން އެބާގަނޑާ ދިމާލަށް ހަމަލާ ދީ ތަމަޅައިން މަރާލުމާގުޅިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button