އިންތިހާބީ ސަރުކާރު ހުވާކުރެއްވުމާ ދެމެދު މި އޮތް އިންތިޤާލީ މަރުޙަލާގެ ދުވަސްވަރުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުން އަންނަ ކަންކަން ހުއްޓުވާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންޒާރުދެއްވައިފިއެވެ.
ރޮޒައިނާއަކީ މިނިވަން މުއައްސަސާތަކާ ބެހޭ މަޖިލީހުގެ ދާއިމީ ކޮމިޓީގެ މުޤައްރިރެވެ. ރޮޒައިނާ މިފަދައިން އިންޒާރު ދެއްވާފައިވަނީ ކޮމިޝަނުގެ މެންބަރުންނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ކޮމިޝަނުގެ މެންބަރުން މައުލޫމާތު ދެއްވިއެވެ.
އޭސީސީން ހުއްޓުވަމުން އަންނަ ކަންކަމަކީ އިންތިޤާލީ މަރުހަލާގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އެކަންކަން ހިންގުމުން ދައުލަތަށާއި ރައްޔިތުންނަށް އަރައިނުގަނެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިދާނެ ކަންކަން ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ހުއްޓުވަން މަސައްކަތްކުރި ބައެއް ކަންކަމުގެ ތެރޭގައި ހުޅުމާލޭގެ ބިންތައް ކުއްޔަށް ދޫކުރުމަށް އާބަންކޯއިން ކުރަމުން އައި މަސައްކަތްތަކާއި، ޕުލްކޯ ހިޔާ ފުލެޓުތަކުގެ ކޮމާޝަލް ޔުނިޓުތައް ވަކި ބަޔަކަށް ކުއްޔަށް ދޫކުރަން ކުރަމުން އައި މަސައްކަތާއި، ފެނަކައިން ޑީސަލް ޓޭންކުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ކަމުގައި ބުނެ ހިންގަމުން އައި ކޮރަޕްޝަނުގެ އަމަލަށް ތުހުމަތު ކުރެވޭ އަމަލުތަކެކެވެ.
ރޮޒައިނާ ކޮމިޝަނުގެ މެންބަރުންނަށް ގުޅުއްވައި، އެ ބޭފުޅުން އެ ޙުއްޓުވާ މަސައްކަތްތަކަކީ އެކަންކަން ރަނގަޅަށް ބެލުމެއްނެތި ތަހުގީގެއް ނުކޮށް ހުއްޓުވާ ކަންކަން ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނުގެ މެންބަރެއް ނޫހަކަށް ދެއްވި މައުލޫމާތެއްގައި ވިދާޅުވެފައިވަނީ ހުރިހާ މެންބަރުންނަށް ރޮޒައިނާ ގުޅުއްވައި، މަޖިލީހުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އެމްޑީޕީއަށް ކަމަށް ވިދާޅުވެފައިވާކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި ރޮޒައިނާ ވިދާޅުވީ މަޖިލިސް މެޖޯރިޓީ އޮތް ވާހަކައާއި 17 ނޮވެންބަރާ ދެމެދުގައި ސަރުކާރުގެ ވުޒާރާއެއް ނުވަތަ ކުންފުންޏަކުން ކުރާ ކަމެއް ހުއްޓުވައިފިނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
ރޮޒައިނާގެ މި އިންޒާރަށްފަހު ކޮމިޝަންގެ ގިނަ މެންބަރުންވަނީ ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ މަސައްކަތްތައް ހުއްޓުވަން ފަސްޖެހިފައެވެ. ހާއްސަކޮށް ފެނަކައިގެ ކޮރަޕްޝަން ހިމެނޭ ވަރަށް ގިނަ މަސައްކަތްތައް ވަނީ ނުހުއްޓުވިއެވެ. އެގޮތުން ނަރުދަމާއާއި ފެނުގެ ނިޒާމުގެ ކަންކަމަށް ބޭނުންވާ ތަކެތި ގަތުމަށް ކުންފުންޏަކަށް 100 މިލިއަނެއްހައި ރުފިޔާގެ މަސައްކަތް ފެނަކައިން ހަވާލުކުރި ކުންފުންޏަކީ ރޮޒައިނާގެ ފިރިކަލުން އަޙްމަދު ނާޝިޒުގެ މަސްލަހަތު އެކުލެވޭ ކުންފުންޏެއްކަމަށް ފެނަކައިގެ އިސްވެރިޔަކު ވަނީ މައުލޫމާތު ދެއްވާފައި ކަމަށް ހަބަރުތައް ލިބެމުންދެއެވެ.