
ޕީޕީއެމާ، ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނުކުމެ މިތިބީ ވަރުގަދަ އަޒުމެއްގައި ކަމަށާއި، ގާނޫނީ ހަމަތަކުގެ މަތީން ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ހުރިހާ ރައްޔިތުންނާ މުހާތަބުކުރައްވައި ޑރ.މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް ގެނަސްދެއްވާނެ ކަމުގައެވެ.
”ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާ އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނަން. ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދީ، ތައުލީމާއި، ސިއްހަތާއި، އިޖްތިމާއީ ކަންކަން ހަރުދަނާކޮށްދީ، ރައްޔިތުން އެދޭ ތަރައްގީ އަމަލީގޮތުން ގެނަސްދޭނޭ ސަރުކާރެއް އަނެއްކާވެސް އަޅުގަނޑުމެން ގާއިމުކޮށްދޭނަން.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ފާހަގަކުރެއްވިގޮތުގައި ހެޔޮވެރިކަމެއް ގާއިމްކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިހުސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާވެސް ވައްދައިދޭނެ ވެރިކަމެއް އެމަނިކުފާނު ކޮށްދެއްވާނެއެވެ. އަދި ކެންޑިޑޭޓް ނަންބަރު 4 އަށް ވޯޓު ދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.