
ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި ވ.ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ މެންދުރު 14:00 ގައި ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
އެ މައްސަލައިގައި މީގެ ކުރިން ތިން އަޑުއެހުމެއް ބޭއްވި އެވެ. އެހެން ނަމަވެސް ގާޒީން ޗުއްޓީއަށް ދިއުމާއި، އިދާރީ ލަސްވުންތަކުގެ ސަބަބުން މައްސަލަ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.
މަނީ ލޯންޑަރިންގ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ރައީސް ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރު, ދިވެހި ރުފިޔާއިން ނަމަ 77 މިލިއަން, ޖޫރިމަނާކުރުމާއި އެކު 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ 4 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
މި ހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އެއް ދަރަޖަ ދައުލަތުގެ ފަރާތުން އެދުމުގެ މަތިން މަތި ކުރުމަށް ފަހުގައެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީން މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު, އެ މައްސަލއިގެ ހުކުމް އިއްވަމުން އިސް ގާޒީ ވިދާޅުވެފައިވަނީ ޗެކު ބަލައިގަތުމާއި ޗެކު ދޫކުރިކަން މައްސަލާގައި ހުށަހަޅާފައިވާ ޗެކާއި ބޭންކު ސްޓޭޓްމެންޓްތަކުން ސާބިތުވާކަމަށެވެ.
އެހެންނަމަވެސް, ރައީސް ޔާމިން ގެ ފަރާތުން އެ ފައިސާ އާއި ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ދިފާއީ ހެކިންނާއި ހެކިތަކާ ގުޅޭ ގޮތުން ގާޒީގެ ހުކުމުގައި އެއްވެސް ވާހަކަ އެއް ދައްކާފައި ނުވެއެވެ.