ރިޕޯޓް

ރައީސް ޔާމީނަށް އޮތް ފުރުސަތުތަކާއި ރިޔާސީ ރޭހަށް ނިކުންނަ ދޮރު!

މިހާރު އެންމެ ގިނައިން އަހަނީ ލެވޭތަ؟ ނުލެވޭތަ؟ ކިހިނެއް ވާނީ؟ ޔާމީނަށް އާދެވޭތަ؟ ދެން ކާކު ހުރީ؟ މިއެވެ. މިސުވާލުފަތިތައް ދާހާ ތަނެއް ފަހަތުން ދުވެ އެވެ. އިހަކަށް ދުވަހު މީހަކު ފޯނުކޮށްފައި އެހީ ހަބަރުތައް ބުނަނީ ކީކޭ ހެއްޔެވެ؟ ކޮން ހަބަރެއްހޭ އެހީމާ ބުނީ ޔާމީން ސަލާމަތްވާން ހެއްޔެވެ؟ މިއީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރާ މެޖޯރިޓީ ރައްޔިތުން ކެނޑިނޭޅި މިއަދު ފަތިފަށްޗަށް އަމުނަމުންދާ ސުވާލުތަކެވެ.

ހަގީގަތަށް ވާހަކަ ދައްކަމާ ހިނގާށެވެ. ކާޓޫނެއް ވައިބަރ ގްރޫޕަކަށް ލެއްވި މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް މަގާމުން އެކަހެރިކޮށްފައި، އެ މަގާމަށް ޑަބަލް ޕްރޮމޯޝަންގައި މިހާރު ސުޕްރީމްކޯޓުގައި ހުންނެވި ފަނޑިޔާރު އަލީ ރަޝީދު، ރައީސް ޔާމީނަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމެއް ކޮށް، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރިއެވެ. އެއީ ގއ.ވޮޑަމޮލާއެވެ ކިޔުނު ރަށެއްގެ ޑީލުގެ ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިވާ ގޮތަށް މަނީ ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ދައުވާ ކުރި މައްސަލައިގައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދާން ޖެހުނީ ހައިކޯޓުންވެސް ޔާމީނަށް ނާކާމިޔުވެވަޑައިގަތުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީސް ވ.އާރަށުގެ މައްސަލައިގައި ރިޝްވަތު ނެންގެވިކަމަށާއި، މަނީ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތާ ގުޅޭ ދައުވާއެއްގައި 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ ބާކީ ދެ އަޑުއެހުމެއް ނުވަތަ ތިން އަޑުއެހުމެއްވަރު ހައިކޯޓުގައި އެބައޮތެވެ.

ކަން މިހެން އޮތް އިރު، ޖަލުގައި މިވަގުތު ހުންނެވި ރައީސް ޔާމީނުގެ މައްޗަށް ރ.ފުށްގިރީގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައި، އެމައްސަލައިގެ ޝަފަހީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ދައުވާއާއި ގުޅޭ ލިޔެކިޔުންތައް ނުދީ، ދައުލަތުން ހިފަހައްޓައި، ބަޑިބޭހުގެ ކުޅިވަރަކަށް އެކަން ހަދައި، އަވަސް އަވަހަށް ޝަރީއަތް ގެންދަން އުޅުމުން އެމަނިކުފާނުގެ ލީގަލް ޓީމުން ވަނީ ސުޕްރީމް ކޯޓަށް ގޮސްގެން އެކަމަށް ގާނޫނީ ހައްލުވެސް ހޯއްދަވާފައެވެ.

ރައީސް ޔާމީންގެ ކުރިމަތީގައި އޮތީ ”ދެ އުނދަގުލެކެވެ.“ އެއީ އެމަނިކުފާނު މިހާރު ތާށިވެފައި ހުންނެވި އާރަށުގެ އިސްތިއުނާފުގެ މައްސަލައާއި، ދަށު ކޯޓުގައި އޮތް ފުށްގިރީގެ ހުކުމާ ހިސާބަށް އިންތިހާބުގެ ކުރިން ވާސިލްވެދާނެ ކަމުގެ ބިރެވެ. އާރަށު އިސްތިއުނާފްގެ މައްސަލަ އަވަސްކުރަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭނުންވެއެވެ. އެއީ ދަށު ކޯޓުގެ ޖަލު ހުކުމުން ސަލާމަތްވުމަށްޓަކައި އޮތް މަގެވެ. އަދި ކޮންމެ ގޮތަކަށް ހުކުމް އަޔަސް ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރާ ހިސާބުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމަށް ގިނަ ދޮރުތަކެއް ހުޅުވޭނެއެވެ. އެމައްސަލަ ވަކިގޮތަކަށް ނިމެންދެން އެމަނިކުފާނާ ގުޅުން ހުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓަށް އަމުރުތައް ނެރުމަށް އޮންނަ ބާރާއި، އިހުތިޔާރާއި، ފުރުސަތުތައް ފުޅާވެގެންދާނެއެވެ. ވަގުތީ އަމުރުތައްވެސް ނެރެވިދާނެ އެވެ. އެހިސާބުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު މެންފަދަ ބޭފުޅުންގެ ގާނޫނީ ރިސާޗުތައް ހުއްޓޭނީ ސުޕްރީމް ކޯޓަށް އެހާލަތުގައި ކުރެވޭނެ ހުރިހާ ކަމެއްގެ މައްޗަށެވެ. އެކަމުގައި ގަޒިއްޔާއަކަށްފަހު ގަޒިއްޔާއެއް ފުރޮޅައި، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުން އަަމަލު ކުރާ ގޮތްތަކާއި ނިންމުންތައް ނުކުޅަދާނަވާ ވަރަށް ބައްލަވާނެއެވެ. ހަވާ ފަޓާސްބަރިއެއްހެން އެ މައްސަލަ މި ފެށޭ ހަފްތާގައި ތާވަލުކޮށް، ހައިކޯޓުން ހުކުމަކާ ހިސާބަށް ވާސިލުވެއްޖެނަމަ، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމަށް 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދޭހާ ހުށިއާރުކަން ގއ.ވޮޑަމުލާގެ އިސްތިއުނާފް ހުށަހެޅި މުއްދަތަށް ބަލާލީމާ އެނގެއެވެ. ދެން ކުރިމަތިވާނެ ބިރަކީ އިސްތިއުނާފް ބަލައިގަތުމުގައި ސުޕްރީމް ކޯޓުގެ ދުވެލި ހުންނާނެ ނިސްބަތެވެ. އެކަމަކު އިންތިހާބުގެ ކެންޑިޑޭސީ ބަލައިގަތުމަށް މިއޮތް ވަގުތުކޮޅަށް ބަލާއިރު، ހައިކޯޓުގައި އޮތް އާރަށުގެ މައްސަލަ ނިމި، އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރަންދާހާ ވަގުތެއް ނެތެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ރައީސް ޔާމީނަށް އޮތް މޮޅު ގޮތަކީ އާރަށު އިސްތިއުނާފްގެ މައްސަލަ އެ އޮތްގޮތަށް ”ޕާކުވެފައި“ އޮތުމެވެ. ވަގުތާއި ހާލަތު ބުރަވަނީވެސް އެގޮތަށެވެ. ދައުލަތަކީވެސް މިކަން ނޭނގޭހާ ގަމާރުބަޔަކަށް ނުވާތީ ދިމާކޮށްލީ ދަށު ކޯޓުގައި އޮތް ފުށްގިރި މައްސަލަ ފިސާރި ރަނގަޅަށް ”ފާސްޓް ފޯވާޑަށް“ އޮޅާށެވެ. ހަމަ އަނެއްކާވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރު އަބްދުﷲ ޒިޔާތު އޮބަހައްޓައިގެން ”ފުއްގިރަން“ ފެށީއެވެ. މައްސަލަ އާއި ގުޅޭ ލިޔެކިޔުންތައް ދައުލަތުން ނުދައްކައި، ފޮރުވައިގެން ގެންގުޅެން ޖެހުނީވެސް އާރަށު ބަންދުން ރައީސް ޔާމީން ސަލާމަތްވުން، ނުވަތަ އެމައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި، ކަންދިމާވާގޮތަކުން ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އިންތިހާބީ ހައްގަކާ ގުޅޭ ދައުވާއެއް ކޮށްގެން، އެ ދައުވާއެއް އެމަނިކުފާނު ކާމިޔާބު ކުރެއްވުން ފަދަ އާފާތެއް ދައުލަތަށް ޖެހިދާނެކަމުގެ ބިރަށެވެ. އެއާ ދެކޮޅަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ދާދިފަހުން ހޯދި ހައްލުގެ ސަބަބުން ޔާމީންގެ ވަކީލުންގެ ”މުސީބާތް“ މިހާރު އޮތީ ކުރިން ބުނިފަދައިން ދައުލަތަށް ޖެހިފައެވެ. އެ ޝަރީއަތަށް ހުށަހަޅާފައި ހުރި ހުރިހާ އެއްޗެއް މިހާރު އެއޮއްގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ހާވާ ބަލަނީއެވެ. މިހާރު އެ ޝަރީއަތުގެ ސްޕީޑް ”ތްރޮޓުލް“ ކުރަން ފަށައިފިއެވެ. ބޮޑަށް ކެންސަލް ވަނީއެވެ. ކޮންމެވެސް މީހަކު ބަލިވެގެންނެވެ. އެގޮތުންވެސް ސްޕީޑު ދަށްވެއްޖެއެވެ. އެ ޝަރީއަތުގައި އަދިވެސް ބޮޑީ އަތްނުލާ އޮތް ބައެވެ. އަދި އިންތިހާބުގެ ކެންޑިޑޭސީ ކަށަވަރުކުރުމަށް މިއޮތް މުއްދަތާ އަލާބަލާއިރު، ފުއްގިރީގެ ޝަރީއަތް ދެދުވަހުން އެއް ދުވަހު ތާވަލުކޮށްގެން ނޫނީ އެކަން ކުރެވޭނެ މަގެއް ނެތެވެ. އެމަގަށް އަޑުއެހުންތައް ބައްޓަންކޮށް، އަނެއްކާވެސް ފާހާނާއަށްވެސް ނުދެވޭގޮތަށް، ބޯނެ ފެންފޮދެއްވެސް ނުދީ، ރައީސް ޔާމީން އެއް ދުވަސްވާންދެން ގޮނޑިއެއްގައި ބަހައްޓައިފިނަމަ، ސުޕްރީމް ކޯޓުގެ އަމުރަކާ ހިލާފް ވެވެނީއެވެ. އެވަރުގެ ”އެއްޗެއްގައި“ ފަނޑިޔާރު މަނިކުފާނު ”ނިމިދާކަށް“ ދެނެއް އަމުދަކު ބޭނުމެއް ނުވާނެއެވެ. އެހިސާބުން މިބުނި ”ދެ އުނދަލުންވެސް“ ރައީސް ޔާމީން ސަލާމަތްވީއެވެ. އާރަށު މައްސަލަވެސް، ފުއްގިރި މައްސަލަވެސް ކޮޅެއްގަ ޖައްސައިގެން ދައުލަތުން ”މޮޅުނަގަން“ އޮތް އަޖަލު އަސްލު ހަމަވެއްޖެއެވެ.

ދެން އޮތީ އިލެކެޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގެންފާނެ ކަމަށް އިދިކޮޅާ އެއްކޮޅުން ސައި ކޮފީ މޭޒުތަކުގައި ދައްކާ ވާހަކައެވެ. އެ މައުޟޫގައި ”ސްޓޭޓް ސްޕޮންސާޑް“ ހަބަރުތަކާއި ރިޕޯޓުތައްވެސް އަންނަލެއް މަދެއް ނޫނެވެ. އެއްބަޔަކު ތިބީ ”ޔާމީނުގެ ކުށުގެ ރިކޯޑެއް ސާފެއް ނުވާނެ ނޫންހޭ، ކިހިނެއްހޭ ތިކަން ކުރަނީ“ ކިޔައިގެންނެވެ. އަނެއްބަޔަކު ތިބީ ”ނުލެވޭނެކަން އެނގޭއިރުވެސް ބަގުޑިބައްދައިގެންނޭ ކެންޑިޑޭޓަކު ނުދައްކައޭ“ ކިޔައިގެންނެވެ. ރައީސް ޔާމީންގެ ކުށުގެ ރިކޯޑު ސާފު ނުވާނެކަން ނޭނގޭ މީހަކު ނޫޅެއެވެ. އީސީއަށް ކެންޑިޑޭސީ ފޯމު ވެއްދުމުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހެޅީވެސް އެކަން ދަނެ ތިބެއެވެ. އެ ދެމައްސަލަ ބޭރުކޮށްލުމުން ހާމަވީ ކަމަކީ އިންތިހާބީ ހައްގެއް ގެއްލިއްޖެކަން ސާބިތުކޮށްދެވޭ ހާލަތެއް އައިސްފިނަމަ، އެ ހައްގު ހޯދަން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެރެވޭނެ ކަމެވެ. އެއީ އަދި ބަލިވީއެއް ނޫނެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގމޭޓުގެ ގޮތުގައިވެސް ހަމަޖެހުނު ޑރ.ޖަމީލުގެ ކެންޑިޑޭސީ ފޯމު އީސީއަށް އޮޮގަސްޓު އެކެއްވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި (މާދަމާ) ވައްދަން އުޅޭއިރު، އީސީއަށް އޮންނާނީ ހެދޭނެ ދެގޮތެވެ. އެއްގޮތަކީ އެކަމުގައި ގާނޫނީ ލަފައެއް ހޯދުމެވެ. އީސީއިން އިސްވެ އެކަމާ އުޅޭނެ ހެނެއް ހިއެއް ނުވެއެވެ. އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ”ހަވާލުނުވާން“ އުޅުއްވިޔަސް ސަރުކާރު އޮތީ ކޮނޑުހުޅާ ހަމައަށް އެކޮމިޝަނުގެ ތެރެއަށް އަތް ބާނައިގެންނެވެ. ވުން ގާތް ގޮތަކީ ފޯމު އައިކޮޅަށް ފޮނުވާލުމެވެ. އެއީ ދެވަނަ ގޮތެވެ. އެހިސާބުން އެހުޅުވުނީ އިންތިހާބީ ހައްގެއް ގެއްލިގެން ރައީސް ޔާމީނަށް ސުޕްރީމް ކޯޓަށް ދެވޭނެ ދޮރެވެ.

އެއީ އެއް ”އޮޕްޝަން“ ކަމަށް ޔާމީންގެ ލީގަލް ޓީމުން އޮންނާނީ މިހާރުވެސް ކަނޑައަޅާފައެވެ. އަދި އެހާލަތުގައި 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭނެއެވެ. އެކަމުގައި ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް ނޭނގުނަސް ސުޕްރީމް ކޯޓުގެ 2019 ވަނަ އަހަރުގެ 75 ވަނަ ގަޒިއްޔާ ކަމުގައިވާ، އަބްދުﷲ ޖާމިއު ވ. އެޓަރނީ ޖެނެރަލް އޮފީސް، ގަޒިއްޔާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ނެރުއްވާފައިވާ އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ތާއީދުކުރައްވާފައިވާ ރައުޔުގައި މީހެއްގެ މައްޗަށް ހުކުމެއް އައިސްފައިވާކަމަށް ބެލެވޭނެ ހާލަތު މުތުލަގަށް ބަޔާންކޮށްފައިވެއެވެ. އެ ރައުޔުގައިވާގޮތުން ޝަރުއީ ކޯޓަކުން ކުށް ސާބިތުވެ، ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ހުކުމެއް، އެއީ އިސްތިއުނާފް މުއްދަތުތައް ފަހަނައަޅައިދިއުމަށްފަހު ނިހާއީ ހުކުމަކަށްވާ ފަހުންނެވެ. އަދި ސުޕްރީމް ކޯޓުގެ 2019 ވަނަ އަހަރުގެ 10 ވަނަ ގަޒިއްޔާ ކަމުގައިވާ ހަސަން ޝިޔާމް ވ.އިލެކްޝަންސް ކޮމިޝަން، ގަޒިއްޔާގައި، އޭނާގެ މައްޗަށް ދަރަނި ސާބިތުވެފައިވާ ގަޒިއްޔާތަކަކީ މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރެވި، އެ ގަޒިއްޔާތަކާމެދު މަތީ ކޯޓަކުން ނިހާއީ ހުކުމެއް ކޮށްފައިނުވާތީއާއި އިންތިހާބުގައި ބައިވެރިނުވެވޭނެ ކެންޑިޑޭޓު ކަމުގައި ބެލެވެން ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޙަސަން ޝިޔާމަކީ އިންތިހާބަށް ޝަރުތު ފުރިހަމަނުވާ ފަރާތެއް ކަމަށް އީސީއިން ކަނޑައެޅި ކަނޑައެޅުން ބާތިލްކޮށްފައިވެއެވެ. އެއާއެކު އޭނާ ހިމަނައިގެން ނިމުނު މަޖިލިސް އިންތިހާބު ކުރިއަށް ގެންދަން އީސީގެ މައްޗަށް އެގަޒިއްޔާގައި އަމުރުކޮށްފައިވެއެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ކުރީގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުން ނިންމި ނިންމުމެކެވެ. ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާ ކަމަށް ބެލެވޭނެ ގޮތާއިމެދު ރާއްޖޭގެ 7 ފަނޑިޔާރަކު އެބަ އިއްތިފާގު ވެއެވެ. މި ދެ ގަޒިއްޔާއަށް ބަލާއިރު، މިއީ އީސީން ޔާމީންގެ ފޯމު ބޭރުކޮށްލައިފިނަމަ، އެމަނިކުފާނުގެ ލީގަލް ޓީމުން އެންމެ ގަދަޔަށް ހިފައި، ދަމައިގަންނާނެ ދެ ގަޒިއްޔާއެވެ. ތިނެއް ހަތަރެއް ފަހެއް ވެސް އެބައޮތެވެ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްކަމެއް ”އެހާރާއި“ ”މިހާރާއި“ ތަފާތު ”އަދަދު“ ތަކުން އޮޅުވައިލަނީއެވެ. ލާރިކޮޅަކާހެދިއެވެ.

”ސްޓޭޓް ސްޕޮންސާޑް“ ”ޖާނަލިސްޓުން“ ތިބީ ޔާމީނަށް ”ކުރިމަތިލެވޭނެއޭ“ ބުނާ މީހުނާ ޒުވާބު ކުރާ ހިސާބުގައެވެ. ހަމަ ޕާޓީގައި ”ބަގުޑި ބައްދައިގެން“ ދޫނުކޮށްގެން އުޅެނީ ޔާމީންކަމުގައި އެވެރިން ބުނެއުޅެއެވެ. އެކަމަކު އެއީ ހުސް ”ފޮޅި“ ކަން އެނގެނީ ވޮޑާމުލާ ހުކުމުން ސަލާމަތްވެވަޑައިގަތްފަހުން ރައީސް ޔާމީން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއްގައި ”ކޭޑު ދެން ޕީޕީއެމް ކިޔަމާ ހިނގާ ދެއްތޯ. ޕީޕީއެމްގެ ވެރިކަމެއްގަ ދެއްތޯ“، މިފަދައިން ވަރަށް ”ފާރމް“ ކޮށް ވިދާޅުވީމައެވެ. އެފަހުން އާރަށު ހުކުމާ ގުޅިގެން ޖަލަށް ވަޑައިގަތުމުގެ ކުރިން ”ޕީޕީއެމުން ކެންޑިޑޭޓެއް ދައްކާނެ“ މިބީދައިން އަހަންނަށް އަޑުއިވޭ ހިސާބުގައި ރައީސް ޔާމީން ވިދާޅުވުމަކީ އެބުނާ އެއްޗެއްގައި އެމަނިކުފާނު ބަގުޑިބައްދައިގެން ނެތްކަން ދަލީލުކޮށްދޭ ކަމެކެވެ. ރައީސް ޔާމީންގެ ވިސްނުންފުޅާއި ދައްކަވާ ވާހަކަފުޅުތައް ކޮންމެވެސް ވަރަކަށް ރޭކާލާ މީހެއްގެ ހައިސިއްޔަތުންނާއި، މިނިވަން ނޫސްވެރިއަކަށް ނަމުން ވާން ބޭނުންނުވާ، އެކަމަކު ކަމުން ޕީޕީއެމްގައި ”ލިޔެ އުޅޭ އާދައިގެ ނިކަމެތި އެކްޓިވިސްޓެއް“ ގެ ހައިސިއްޔަތުން އަހުން ބުނާނީ އެމަނިކުފާނަކީ ފޫނެއް ފަޔަށް ފެން ފުރުއްވާނެ ބޭފުޅެއް ނޫންކަމެވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވާނ،ީ ކާމިޔާބުގެ ތަޅުދަނޑިއަށް ވާސިލްވެވޭނެ ފޯމިއުލާ ހޯއްދަވައިގެންނެވެ.

މިހާލަތުގައި ކެންޑިޑޭސީ ކަށަވަރުކުރެވެން އަހަންނަށް ފެންނަން އޮތް ދިމާލަކީ ސުޕްރީމް ކޯޓެވެ. އެކަމަށް ހާލަތުވެސް ވަގުތުވެސް އާދެއެވެ. އެއީ ރައީސް މަނިކުފާނަށްވެސް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމުގައި ކޯޓުން ”ނުބައެއް“ ހަދައިފިނަމަ އެމަނިކުފާނުގެ ބީ ޕްލޭނަކީ ޕާޓީގެ ކެންޑިޑޭޓެއް ދެއްކެވުމެވެ. ޕީއެންސީއިން ކެންޑިޑޭޓެއް ނެރެން ނަންތަކެއް ހޯއްދެވުމަށާއި، އެޒާތުގެ މަޝްވަރާއަކަށް އެޕާޓީގެ އިސް ބޭފުޅުންނަށް ދެންނެވުމުގެ ސިއްރަކީ ކޮބައިކަމެއް އަދި ނޭނގިދާނެއެވެ. އެއީ އަދި ކުރެވެމުންދާ ސައްލާއެކެވެ. ނޫނީ ލޯޔަލްޓީ ކާޑެކެވެ. ފަހަރުގާ ޕީއެންސީއިން އެކަމާ ހަވާލުނުވާގޮތްވެސް ވެދާނެއެވެ. އެކަމުގައިވެސް ޕީއެންސީގެ ލީޑަރުން ނިންމީ ރައީސް ޔާމީން ކެނޑިޑޭޓެއް ކަނޑައަޅުއްވާފައި ގޮތަށެވެ. ކޮންމެ ގޮތަކަށް އެކަން ނިމުނަސް ޕީޕީއެމުން އޮތީ މި އިންތިހާބަށް ދޫ ދޭގޮތަކަށް ނޫނެވެ. ސިޔާސީ އެތަކެއް ހައިޖާނުތަކެއް ތަޖުރިބާ ކުރެއްވުމަށްފަހު މިއަދު ރައީސް ޔާމީނަކީ އަބަދުވެސް ”ވޯސްޓްކޭސް ސިނާރިއޯ“ އަށް ތައްޔާރުވެވަޑައިގަންނަވާ ބޭފުޅެކެވެ. ލީގަލް ޓީމަށް ރައީސް ޔާމީންގެ ބްލެސިންގ އެބައޮތެވެ. ލީޑަރުންނަށްވެސް އެ ބްލެސިންގ އެބައޮތެވެ. ލީޑަރުންނާއި، ސެނެޓަރުންނާއި، ޕާޓީގެ އާންމު މެންބަރުންގެވެސް ސުޕަރ މެޖޯރިޓީ ތާއީދުވެސް އޮތީ ޔާމީނަށެވެ. އެހެން ކަމުން ޔާމީން ޕީޕީއެމްގައި ބަގުޑިބައްދާކަށް ނުޖެހޭ އެވެ. މެޖޯރިޓީ މީހުން ބޭނުންވަނީ ޔާމީނު ހޮވާށެވެ. ޕާޓީއަށް އެތަކެއް ގުރުބާނީއެއްވީ މީހުން އެބަތިއްބެއް ނޫންހޭ، މިއީ ޔާމީންގެ އެކަނި ޕާޓީއެއް ނޫނޭ ކިޔައި އުޅެނީ މަދު ބައެކެވެ. އެއީ މިނިކާ ބާޒުތަކެއްގެ ”ޕެއިޑް ބޮޓުން“ ކޮޅެކެވެ. އާންމުން އޮތީ ޔާމީނަށް ޕާޓީ ދީފައެވެ. ރިޔާސީ ޓިކެޓު ވެސް ދީފައެވެ. ޔާމީން ކެންޑިޑޭޓެއް ދައްކާށޭ ވިދާޅުވިޔަސް ބުނަނީ އެކަން އެނގޭނީ އެމަނިކުފާނަށް ކަމުގައެވެ. ވެރިކަން އެންމެން ބޭނުމަސް އިދިކޮޅު ލީޑަރޝިޕުގެ ބޭފުޅަކުވެސް އެކަމަކާ ހަވާލުވާކަށް ބޭނުމެއްނުވެއެވެ. ތިއްބެވީ ޔާމީނަށް ދޫކޮށްލައިގެންނެވެ.

ޔަގީންވާކަމަކީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޔާމީނަށް އޮތް ދޮރު ބަންދުނުވާކަމެވެ. އެކަމަކު ”އެހެން ނަމަވެސް“ ކިޔައިފިއްޔާ ސީދާ ޕިއޯ ރައީސް ޔާމީންގެ ކެންޑިޑޭޓެއް ހުންނާނެއެވެ. ކޮމަން ކެންޑިޑޭޓަކީވެސް އެއީއެވެ. އެންމެ ގޯސް ހާލަތުގައިވެސް އެހެން ޕާޓީތަކުން ޑީލު ހަދަން ”އެލިގަންނަން“ ޖެހޭނީ ޕީޕީއެމްގެ ވަލުގައެވެ.

2 Comments

  1. ހަގީގަތައް ވާހަކަ ދައްކަމާހިނގާ.. ޔާމިނު ނޫނީ ދިވެހި ތާރީޙްގަވެސް ނެތް ވެރިކަންކުރިމީހަކު ދައުލަތައް ވަންނަންޖެހޭ ފައިސާ އަމިއްލަ އެކައުންޓައް ލައިގެން ތިމާގެ އަމިއްލަ މުދަލައްހަދައިގެންއުޅުނު އެއްވެސް ވެރިއެއް.. ޔާމިނައް ފެންނަނީ ހުސް ލާރި.. ކުއްސާބިތުވެ ޖަލައްދާންޖެހިފަ އެއޮތީ.. މިހާރު ހުންނާނީ ރައްޔިތުންގެ ފައިސާގަ ޖެހުމަކީ ކިހާވަރެއްގެ ބިރުވެރިކަމެއްކަން އިނގިފަ.. އަދި އެބައޮތް 5 މައްސަލަ. ނިމުނީ 2 މައްސަލަ. މުޅި އުމުރު އޮވޭޖަލުގަ އެއީ ހައްޤު ތަނަކީ..

    1. ރައްޔިތުންގެ ލާރި ކައިގެން ބައްކޮއްގެން ތިބި މީހުން ވަރަށް ސާފު. މި ގައުމުދަވާލި ޗޯރު އިބުރާހިމުގެ ނިމުން ވަރަށް ހިތިވާނެ..☝️ ގައްދާރުން ގެ ލިސްޓު އޮތީ ރެޑީވެ ނިމިފަ އެ ބައިގަނޑަށް ކުޑަގޮޅިނޫން ގޮތެއްނެތް.. ގައުމު ދޫކޮށް ފިލާ ރައްކާވާނެ ޖާގައެއް މިފަހަރު ނުލިބޭނެ..☝️

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button