ޚަބަރުސިޔާސީ

ދީނީ ޢިލްމުވެރިންގެ ދޫ ބަންދުކުރަން އުޅުނަސް ރައްޔިތުން ޗޯރަށް ގޮވާނެ: މުޙައްމަދު

ދީނީ ޢިލްމުވެރިންގެ ދޫ ބަންދުކުރަން އުޅުނަސް ރައްޔިތުން ޗޯރަށް ގޮވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އެޅޭފަދަ ޤަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިލެކްޝަނުން އާންމުކުރި ޤަވާއިދުގައި ދީނީ ދަރުސްތައް ދެއްވާއިރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން ވަނީ މަނާ ކޮށްފައެވެ.

އެކަމަށް ޢިޝާރާތް ކުރައްވާ މުޙައްމަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދީނީ ޢިލްމުވެރިންނަށް ދަރުސްދޭންވީގޮތް ކިޔައިދޭ ހިސާބަށް ދިއުމުން އެކޮމިޝަނަށް މަތިކޮށްފައިވާ އިންތިޚާބީ އެންމެހާ ކަންކަމުގެ މަސްލަހަތަށްވުރެ ދީނީ ޢިލްމު ނެތި، އާޔަތާ ހަދީޘް ކިޔައިދޭ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ.

އަދި އިލެކްޝަން ކޮމިޝަނުގެ މެންޑޭޓުގައި ދީނީ ރަޢުޔު ނެރުމާއި، ނަދުރު ބުނުމާއި ހަނދު ބެލުން ފަދަ ކަން އޮންނަ ކަން ނުދެނެހުރި ކަމަށާއި ކޮމިޝަނުން ޤުރުއާން ކިލާސް ހިންގަންވީމަ ކަމަކު ނުދާނެ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

އެއާއިއެކު މުޙައްމަދު ވިދާޅުވީ މިސަރުކާރުން ދީނީ ޢިލްމުވެރިންގެ ދޫ ބަންދު ކުރަން އުޅުނަސް ރައްޔިތުން ޗޯރަށް ގޮވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ޤަވާއިދެއް އާންމުކުރުމާއިއެކު މިކަމާއި ޚިޔާލުތަފާތުވުން އުފެދި، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ޢިލްމުވެރިން ނާއި އާންމު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button