އެމްއޭސީއެލް ފްލެޓްތަކުގެ ޕާކިންގައި ކުނި ޑަސްބިންތައް ޕާކުކޮށްފައި ހުރުމުން ކަންބޮޑުވުން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްޤީ ކޮށްފައިވާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ފްލެޓްތަކުގެ އެތެރޭގައި ހަދާފައިވާ ސައިކަލު ޕާކިން ތަކުގައި ވެމްކޯގެ ކުނި ޑަސްބިންތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއޭސީއެލްގެ 2 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުންވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކަމާއިގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ. އެހެންނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާއިރު، ފްލެޓް އިމާރާތުގެ ތެރޭގައި ހަދާފައިވާ ސައިކަލު ޕާކިިންގްޒޯނުގެ އެއްފަޅި ފުރިފައި ހުންނަނީ ކުނި ޑަސްބިންތަކުންނެވެ.
މި ޑަސްބިން ތަކަކީ އިމާރާތުގެ ބޭރުގައި ބަހައްޓަންޖެހޭ އެއްޗެއް ނަމަވެސް ޑަސްބިންތައް ބެހެއްޓުމަށް އިމާރާތުގެ ބޭރުގައި ހަދަންޖެހޭ ރޭމްޕް ގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.
އެމްއޭސީއެލް ފްލެޓްގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ވާނެހެން ކުނިތަކުން ފުރިފައިވާ ޑަސްބިންތައް މިގޮތަށް ބަހައްޓާފަ ހުރުމުގެ ސަބަބުން ސިއްޚީ އެތައް މައްސަލަތަކެއްވެސް ކުރިމަތިވާނެއެވެ. އެހެންނަމަވެސް މިކަމުގެ ޒިންމާ ނަގަންޖެހޭ އެމްއޭސީއެލް އާއި އާރބަންކޯ އިން މިކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.
މިކަމާއި ގުޅިގެން ”ބޮންތި“ ނޫހަށް މަޢުލޫމާތު ދެއްވަމުން އެތަނުގައި ދިރިއުޅޭ ފަރާތަކުން ބުނީ މިއީ އެމްއޭސީއެލްގެ ދޯދިޔާކަމުން އުފުލަން ޖެހިފައިވާ ތަކުލީފެއް ކަމަށާއި، މިކަން ހައްލުކުރުމަށް އެތައް ޝަކުވާއެއް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި، މިއީ އާއްމު ސިއްޚަތާއި ގުޅުންހުރި ބޮޑު ކަންބޮޑުވުމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.
”އެމްއޭސީއެލްގެ ފަރާތުން މިކަމުގަ ހައްލެއް ހޯދައިދޭން ޖެހޭނެ ދެއްތޯ. އެކަމަކު އެމީހުން ބުނަނީ އާރބަންކޯ އިން އެއްބާރުލުން ނުލިބޭތީ ކަމަށް ރޭމްޕްގެ މަސައްކަތް ލަސްވަނީ، ވެމްކޯ ވެހިކަލަކަށް މިތަނަކަށް ނުވަދެވޭ، ކުނި ނެރެވޭނެ ފަސޭހަ ގޮތެއް ނެތް. އަޅުގަނޑުމެން މިޖެހެނީ މި ކުނިތަކުގެ ތެރޭން ވަދެ ނުކުމެ ހަދަން“ އެމްއޭސީއެލް ފްލެޓްގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.
މީގެ އިތުރުން އެފަރާތްތަކުން ބުނެފައިވަނީ ފްލެޓްތަކުގައި ބަޔަކު ދިރިއުޅޭއިރު ޕާކް ކުރާނެ އެތައް ސައިކަލެއް އެބަހުރި ކަމަށާއި މިކަމުގެ ސަބަބުން ޕާކިން އަށްވެސް ފުދޭވަރަކަށް ދަތިވެފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރެވޭނީ އިމާރާތުގެ ބޭރުގައި ހަދަން ނިންމި ރޭމްޕްގެ މަސައްކަތް އަވަހަށް ނިމުމުން ކަމަށް ވެމްކޯއިންވެސް ބުނެފައިވާ ކަން އެފަރާތްތަކުން ފާހަގަކުރިއެވެ.
މިކަމާއިގުޅިގެން އެމްއޭސީއެލްގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ މިކަންމިގޮތަށް ހިނގަމުންދާކަން އެނގިވަޑައިނުގަންނަވާކަމަށާއި، މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެކަމަށެވެ.