
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ އަބްދުالله ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގަ އެވެ. އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެކަމާއި ގުޅޭގޮތުން ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީއިން ފަށާފައިވަނީ އީވާ އިއްޔެގެ ވަގުތެއްގައި އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ.
އީވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން ވަނީ އިއްޔެ އެމްޑީޕީން އިސްތިއުފާދެއްވާފަ އެވެ. އަދި އެ މެމްބަރުންގެ އިތުރުން އެމްޑީޕީގައި ތިއްބެވި ރައީސް މުޙައްމަދު ނަޝީދަށް އިޚްލާސްތެރި މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް ހަދާނެކަމަށް އިޢުލާނުވެސް ކުރައްވާފަ އެވެ.
މިއަދު އަޅުގަނޑު MDP އިން ވަކިވެއްޖައިން.
ޙަޔާތެއް ވޭތުމިކުރީ MDP ގައި؛ހެޔޮވެރިކަން،އިންސާނީ ގަދަރު އަދި ކަރަޕްޝަން ނައްތައިލުމުގެ ވަކާލާތުގައި. މިއަދު MDP އަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން.
އެހެނަސް އެ އަސާސްތަކާއި،އެވަކާލާތުކުރުން ދޫކޮށްލާން އަޅުގަނޑު ތައްޔާރެއް ނޫން! pic.twitter.com/hpjWvP4Hbx
— Eva Abdulla 🎈❓ (@evattey) May 17, 2023
އެކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު ދިފާއުކުރުމުގެ ބޭނުމުގައި، ނުވަތަ އެ މަޤާމުގައި އިންނެވުމަށް އޭނާ ޤަބޫލުކުރާ އަސާސްތައް ދޫކޮށްލާ ފިތިގެން އިންނަވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީން ނިކުމެވަޑައިގަތީ ޕާޓީގެ އަސާސްތައް ދޫކޮށްލާ، ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފައިވާތީކަމަށް އީވާ ވިދާޅުވި އެވެ. އަދި ރައީސް ޞޯލިޙު ދިފާއުކުރަން މުޅި އެމްޑީޕީ ފުނޑާލާފައިވާކަމަށް އީވާ ވިދާޅުވި އެވެ.
އީވާ އިއްޔެ ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ވަކިކޮށްފާނެތީ ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށާއި، އެހެން ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށެއެވެ.