ޚަބަރުސިޔާސީ

ޗޯރު ގޮވަން ބޭނުން މީހާއަށް ގޮވޭނެ، ފިޔަވަޅު އަޅާ އިންޒާރެއް ނުދެވޭނެ: އީވާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް އަށް ޗޯރަށް ގޮވަން ބޭނުން މީހާއަށް އެހެން ގޮވޭނެ ކަމަށާއ،ި އެކަމާގުޅިގެން ފިޔަވަޅު އަޅާ އިންޒާރެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ ޗެނަލް-13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން އެކަމާއި ގުޅުވާ ދެއްކެވި ވާހަކަފުޅު ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ.

އީވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗޯރު ގޮވަން ބޭނުން މީހާއަށް ގޮވޭނެ ކަމަށާއި، ވާދަވެރިއަކު ބުނާ އެއްޗަކާ ތިމާ ރުހޭކަށް ނުޖެހޭ ކަމާއި، އެއީ އޭނާގެ ޙައްޤެއްކަން ބަލައިގަންނަ ކަމަށެވެ.

މިއާއިއެކު އީވާ  ރައީސް އިބްރާހިމަށް ނިސްބަތްކޮށް ވިދާޅުވީ އެކި ވެރީންނަށް، އެކިނަން ގޮވައި، ވެރިކަންތައް ބަދަލްކޮށް، އަމިއްލައަށްވެރިކަން ލިބުނީމަ އެކަން ހަޖަމްވާން ޖެހޭނެ ކަމަށާއި، އެކަމާއި ގުޅިގެން ފިޔަވަޅު އަޅާ އިންޒާރެއް ނުދެވޭނެ ކަމަށެވެ.

ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމްގެ އަބުރާއި ކަރާމާތް ގެއްލޭފަދަ ކޮންޓެންޓް ހިމެނޭކަމަށްބުނެ ބްރޯޑްކޯމް އިން ޗެނަލް-13 އަށް އިންޒާރުދީ ބްރޯޑްކޮމް އިން ވަނީ 12 ޖޫން 2023 ވާ ހޯމަ ދުވަހުުގެ 14:00 ގެ ކުރިން ލިޔުމުން ޖަވާބުދާރީ ވުމަށް ޗެނަލް 13 އަށް އަންގާފައެވެ. އަދި އެ ފުރުޞަތުގައި ޖަވާބުދާރީ ވުމަށް އުޒުރުވެރިވާނަމަ ސަބަބު ބަޔާންކޮށް މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮތްކަމަށާއި، އެހެންނަމަވެސް އެ ފުރުޞަތުގައިވެސް ޖަވާބު ނުދެވިއްޖެނަމަ ބްރޯޑްކާސްޓިންގް ކޮމިޝަނަށް ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ނިންމާނެ ކަމުގެ އިންޒާރުވެސް ޗެނަލް 13 އަށް ވަނީ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button