ކުޑަކުއްޖަކު މަރާލާ ފޮށްޓަކަށްލީ ކަމުގެ ތުހުމަތުކުރާ ޒިހާންއާ ދެކޮޅަށް ގިނަ ހެކިތަކެއް!

2022 ވަނަ އަހަރުގެ ޖޫން މަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރަހުމުކުޑަކޮށް މަރާލައިފައި ފޮއްޓަކަށް ލުމަށްފަހު މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދަޢުވާ ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނުއާ ދެކޮޅަށް ހުށަހަޅާފައިވާ 79 ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް މިއަދު ނަގައިފިއެވެ.
އެ މައްސަލައިގައި ޒިހާނުގެ މައްޗަށް ހަތް ބާވަތެއްގެ 13 ދަޢުވާއެއް ދަޢުލަތުން ވަނީ އުފުލައިފައެވެ.
އެ ދަޢުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދަޢުވާ އާއި، ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދަޢުވާ ހިމެނެއެވެ.
މީގެ އިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދަޢުވާ އާއި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދަޢުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދަޢުވާ އާއި ޖިނާޢީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދަޢުވާ ހިމެނެއެވެ.
އެ ދަޢުވާތަށް ސާބިތުކުރުމަށް ދަޢުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި 79 ޝަފަހީ ހެކި ހިމެނޭއިރު އޭގެ ތެރެއިން 16 މީހުންގެ ވަނަވަރު ވަނީ ސިއްރު ކޮށްފައެވެ.
މި މައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ޒިހާނު އާއި ދެކޮޅަށް ހުށަހަޅާފައިވާ ދެ މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އަދި ޒިހާނުގެ ބަންދުގެ މުއްދަތު ދަމަހައްޓަން ވެސް ވަނީ އަމުރުކޮށްފައެވެ. ޒިހާނު ބަންދުކޮށްފައިވަނީ ޝަރީޢަތް ނިމެންދެނެވެ.
ޒިހާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ވަނީ ކޮށްފައެވެ.