ޚަބަރުސިޔާސީ

ޕީސީބީން މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައި، ކުންފުނީގެ ހިންގުމުގެ ތެރެއިން އަތް ދޫކޮށްލައިފި!

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޝަމާހުގެ ސަސްޕެންޝަން އުވާލިކަން އިއްޔެ ޕީސީބީން ވަނީ އޭނާއަށް އަންގާފައެވެ.

މިފްކޯއިން މިއަދު ބުނީ ޝަމާހުގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް މިއަދު އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެއާއެކު، އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީވެސް މިހާރު ވަނީ އުވާލާފައެވެ.

މިފްކޯއިން ބުނިގޮތުގައި ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ކަންކަން މިފްކޯގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން ޝަމާހު ވަނީ މިހާރު ފައްޓަވާފައެވެ. އެގޮތުން އެކުންފުނީގެ ބޯޑު ބައްދަލުވުމަކާއި އެކްގްޒެކްޓިވް މެނޭޖްމަންޓުގެ ބައްދަލުވުމެއްވެސް މިއަދު ކުރިއަށް ދިޔައެވެ.

ޕީސީބީން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ ޝަމާހަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު މާޗު މަހުގެ 18 ވަނަ ދުވަހު ކުއްލިގޮތަކަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި އެދުވަހު  ޕީސީބީން ޝަމާހަށް ފޮނުވި ސިޓީގައިވާގޮތުން ހަމައެކަނި ސާފުވާން އޮތް ކަމަކީ ހުށަހެޅިފައިވާ މައްސަލައެއް ބަލާ ކަމުގައެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުވަތަ ސަސްޕެންޑް ކުރަން ޖެހުނީ ކޮންކަމަކާ ގުޅޭގޮތުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން ޝަމާހު ސަސްޕެންޑް ކުރިއިރު، މިފްކޯގެ މައްޗަށް ޕީސީބީން ފާހަގަކުރި 12 މައްސަލަ ހުއްޓާލުމަށް އަންގައި، ކުރިން ފޮނުވި ސިޓީގައި އެއީ ބަޔަކު ދިން މައުލޫމާތެއް ކަމަށާއި، އެފަދަ ކަންކަން ހިނގާ ކަމުގައިވާނަމަ، އެކަން ހުއްޓާލުމަށް އެންގިކަން ބަޔާންކޮށްފައިވެއެވެ. އަދި ޝަމާހު އާ ދެކޮޅަށް ޕީސީބީން ފާހަގަކޮށްފައިވާ ކަންކަމަކީ އެ ބޯޑަށްވެސް ޔަގީން ނުވާ ކަންކަން ކަމުގައިވާއިރު، އެކަމަށް އިޝާރާތްކޮށް ކުއްލިގޮތަކަށް އެންކުއަރީއެއް ހަދަން ޖެހުނީ ކީއްވެކަމެއް ޕީސީބީއަށް ބުނެދެވިފައެއް ނުވެއެވެ. މީގެ އިތުރުން މިއީ ކުރިން ފާހަގަކުރި، ޕީސީބީއަށް ޔަގީން ނުވާ 12 މައްސަލަތޯ ނުވަތަ އައު މައްސަލަތަކެއް ތޯ ވެސް ސާފެއް ނުވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ޖަވާބުދާރީ ވުމުގެ މަރުހަލާ އާންމުކޮށް އެފަދަ އިންކުއަރީއެއް ފެށުމަށްފަހު ކުންފުންޏެއްގެ ވެރިއަކަށް ދޭއިރު،  ޕީސީބީއަށް ޔަގީން ނުވާ ކަމެއްގައި ދެވަނަ ފަހަރާ އެ ކަންކަން ފާހަގަކޮށް އެންކުއަރީއެއް ހަދަން ކުއްލިގޮތަކަށް އެންގިއިރު، އެންކުއަރީއެއް ހެދުމަށް ނިންމިކަން ޝަމާހުއަށްވެސް އަދި އެކުންފުނީގެ އެއްވެސް ފަރާތަކަށް އަންގައި، ބަލަނީ ކޮން މައްސަލައެއް ކަމެއް އެނގޭކަށް ނެތެވެ. އެއާ ހިލާފަށް އެފަދަ އެންކުއަރީއެއް ހެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އެންކުއަރީއެއް ހަދާ ވާހަކަ ޝަމާހުގެ ސަސްޕެންޝަން ސިޓީގައި ބަޔާންކުރުން ފިޔަވައި އިޖުރާއީ އަދާލަތު ގާއިމްކުރުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button