ޚަބަރުސިޔާސީ

ޝަމާހުގެ މައްސަލައިގައި ޕީސީބީން ގޯސް ހަދާފައިވާކަން ހާމަވެއްޖެ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު މިއަދު ކުއްލިގޮތަކަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި މިއަދު  ޕީސީބީން ޝަމާހަށް ފޮނުވި ސިޓީގައިވާގޮތުން ހަމައެކަނި ސާފުވާން އޮތް ކަމަކީ ހުށަހެޅިފައިވާ މައްސަލައެއް ބަލާ ކަމުގައެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުވަތަ ސަސްޕެންޑް ކުރަން ޖެހުނީ ކޮންކަމަކާ ގުޅޭގޮތުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން ޝަމާހު ސަސްޕެންޑް ކުރިއިރު، މިފްކޯގެ މައްޗަށް ޕީސީބީން ފާހަގަކުރި 12 މައްސަލަ ހުއްޓާލުމަށް އަންގައި، ކުރިން ފޮނުވި ސިޓީގައި އެއީ ބަޔަކު ދިން މައުލޫމާތެއް ކަމަށާއި، އެފަދަ ކަންކަން ހިނގާ ކަމުގައިވާނަމަ، އެކަން ހުއްޓާލުމަށް އެންގިކަން ބަޔާންކޮށްފައިވެއެވެ. އަދި ޝަމާހު އާ ދެކޮޅަށް ޕީސީބީން ފާހަގަކޮށްފައިވާ ކަންކަމަކީ އެ ބޯޑަށްވެސް ޔަގީން ނުވާ ކަންކަން ކަމުގައިވާއިރު، އެކަމަށް އިޝާރާތްކޮށް ކުއްލިގޮތަކަށް އެންކުއަރީއެއް ހަދަން ޖެހުނީ ކީއްވެކަމެއް ޕީސީބީއަށް ބުނެދެވިފައެއް ނުވެއެވެ. މީގެ އިތުރުން މިއީ ކުރިން ފާހަގަކުރި، ޕީސީބީއަށް ޔަގީން ނުވާ 12 މައްސަލަތޯ ނުވަތަ އައު މައްސަލަތަކެއް ތޯ ވެސް ސާފެއް ނުވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ޖަވާބުދާރީ ވުމުގެ މަރުހަލާ އާންމުކޮށް އެފަދަ އިންކުއަރީއެއް ފެށުމަށްފަހު ކުންފުންޏެއްގެ ވެރިއަކަށް ދޭއިރު،  ޕީސީބީއަށް ޔަގީން ނުވާ ކަމެއްގައި ދެވަނަ ފަހަރާ އެ ކަންކަން ފާހަގަކޮށް އެންކުއަރީއެއް ހަދަން ކުއްލިގޮތަކަށް އެންގިއިރު، އެންކުއަރީއެއް ހެދުމަށް ނިންމިކަން ޝަމާހުއަށްވެސް އަދި އެކުންފުނީގެ އެއްވެސް ފަރާތަކަށް އަންގައި، ބަލަނީ ކޮން މައްސަލައެއް ކަމެއް އެނގޭކަށް ނެތެވެ. އެއާ ހިލާފަށް އެފަދަ އެންކުއަރީއެއް ހެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އެންކުއަރީއެއް ހަދާ ވާހަކަ ޝަމާހުގެ ސަސްޕެންޝަން ސިޓީގައި ބަޔާންކުރުން ފިޔަވައި އިޖުރާއީ އަދާލަތު ގާއިމްކުރުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ސުރުހީވެސް އަޅާފައެއް ނުވެއެވެ.

”މިއީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ސީދާ ގާނޫނާ ހިލާފަށް ކުންފުނި ހަރާބުކުރާ ބަޔަކު އަޑީގައި ތިބެގެން ހިންގާފަ އޮތް ޖަރީމާ އެއްގެ ގޮތުގައި ފެންނަން އޮތީ.“ ގާނޫނީ ފަންނުގެ މާހިރަކު ވިދާޅުވިއެވެ.

އެހެން ކަމުން އެއީ އުސޫލާ ހިލާފަށް ޕީސީބީން ހިނގާފައިވާ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ވަކީލު ވިދާޅުވީ މި މައްސަލާގައި އޮތީ ތުހުމަތަކަށްވުރެ ފްލޯކު ވާހަކަތަކެއް ކަމުގައެވެ.

އެނގިފައިވާގޮތުގައި މިފްކޯ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ވަޑައިގަތުމަށް ޕީސީބީން އަންގާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އެގްޒެކެޓިވް (ސީއެފްއޯ) އިލްޔާސް ހަނީފަށެވެ. އެކަމަކު ކުންފުންޏެއްގެ އިސް ވެރިއަކު ސަސްޕެންޑް ކުރުމުން އެ ކުންފުނީގެ ހިންގުން އެހެން ފަރާތަކާ ހަވާލުކުރާނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. އެގޮތުން ބޯޑު ބައްދަލުވުމެއް ބާއްވައި، ޑެޕިއުޓީއެއް ނެތް ނަމަ، އެހެން ފަރާތެއް އައްޔަން ކުރާނީވެސް ބޯޑުންނެވެ. އެއީ ޕީސީބީން ނިންމަންޖެހޭ ކަމެއް ނޫނެވެ.

ޝަމާހު ސަސްޕެންޑް ކުރިކަން ލިޔުމުން އެންގިތާ ގިނައިރުތަކެއް ނުވަނީސް ޕީސީބީގެ މެންބަރުން ވަނީ މިފްކޯގެ ސީއީއޯ ބިއުރޯއަށް ކުއްލިގޮތަކަށް ވަދެގަނެ ބިއުރޯގެ މީޓިން ރޫމް ހިސާރުކޮށްފައެވެ. އެއަށްފަހު ސީއެފްއޯ އާއި ޝަމާހުއާ ދެކޮޅަށް ބަޣާވާތެއް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓު ކުރި، އެކުންފުނީގެ އިސް މުވައްޒަފެއް ކަމުގައިވާ ޝަފްނާ މޫސާ އެތަނަށް ވަތްކަން ވަނީ އެނގިފައެވެ. އެމީހުން ކުއްލިގޮތަކަށް ބިއުރޯއަށް ވަދެގަތީ ކުރިން އެންގުމަކާ ނުލައި ވަރަށް އަނިޔާވެރިގޮތަކަށްކަން އެ ވަގުތު އެ މަންޒަރު ދުށް މިފްކޯގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

”އެންމެ ކުޑަމިނުން ޖަވާބުދާރީވާން ވެސް ފުރުސަތެއް ނުދޭ. ހީވީ ބަޔަކު އައިސް ތަން ހިސާރުކުރިހެން. ޝަފްނާ ބޭނުންވާ ވައްކަން ނުކުރެވުމުން ޕީސީބީގަ އުޅޭނެ މިތާ މުވައްޒަފެއްގެ އަންހެނުން. އޭނަ ލައްވައި ޝަފްނާ ކުރުވިކަމެއް މިއީ.“ އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޕީސީބީގެ އިސްވެރިޔަކު ވިދާޅުވީ އެއީ ބޯޑުގެ ނިންމުމެއް ކަމުގައެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމުގެ ތުހުމަތު ޕީސީބީއަށް އަމާޒުވެފައި އޮތްކަމަށް ކުންފުނީގެ ގިނަ ބަޔަކު ގަބޫލުކުރާ މި މައްސަލަައިގައި އެންމެ ބޮޑު ތުހުމަތެއް މުވައްޒަފުން ކުރަނީވެސް ޝަފްނާއަށެވެ.

ޕީސީބީން މިއަދު ޝަފްނާ އާއެކު ބޭއްވި ބައްދަލުވުން ވަކިގޮތަކަށް ނުނިމި، އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މާދަމާ ވެސް އެ ކުންފުނީގެ ސީއީއޯ ބިއުރޯތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަފްނާ އަކީ ކުރީގެ ވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމަށް އައި މީހެއް ކަމަށް ވިޔަސް ނާގާބިލު މީހެއް ކަމުގައި ކުންފުނީގެ މުވައްޒަފުން ވަނީ ސިފަކޮށްފައެވެ. އޭނާގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފާހަގަވުމާއި، ކުންފުނީގެ ގާބިލް މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފަދަ ކަންކަމާ ގުޅިގެން ޝަމާހު ވަނީ މީގެ ކުރިން ޝަފްނާގެ ޑިޕާޓުމެންޓް ބަދަލުކޮށްފަ އެވެ. އަދި ޝަފްނާ ކުންފުނީގެ ތެރޭގައި ބަޣާވަތްކުރަނީ އެ ސަބަބާހުރެ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button