ވެރިކަމުގެ ފުރަތަމަ 100 ދުވަހުން ހުޅުވަން ވައުދުވި ދަތުރުދާ ރަށް ދައުރު ނިމެން 9 މަހަށްވެފައި ވަނިކޮށް ހުޅުވައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި މި ސަރުކާރުން ގާއިމްކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ނިމިދިޔަ ހޮނިހިރު ދުވަހު ހުޅުވައިފިއެވެ.
ކުޑަގިރި ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޑަގިރި އަކީ ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގަންނަވާތާ 100 ދުވަސްތެރޭގައި ހުޅުވަން ވައުދުފުޅުވި ކަމަކަށްވިނަމަވެސް، މި ރަށް ހުޅުވައިދެއްވާފައި މިވަނީ އެމަނިކުފާނުގެ ދައުރު ނިމެން އެންމެ 9 މަހަށްވެފައިވަނިކޮށެވެ. މި ރަށަކީ އެމްޓީސީއާ ހަވާލުކޮށްގެން އެޗްޑީސީއިން ތަރައްގީކޮށްފައިވާ ރަށެކެވެ.
މާލެ ސަރަހައްދުން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭގައި ކުޑަގިރިއަށް ދެވޭނެކަމަށް މައުލޫމާތު ލިބޭއިރު، އެރަށުގައި ޑައިވިންގ، ވޯޓާސްޕޯޓްސް އަދި އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި މީހުންނަށް ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވެއެވެ. އަދި އެފަހުން ފެންވަރައި ތާޒާވެލުމަށް ފާހާނަބަރިތަކާއި ހާއްސަ ފެސިލިޓީތައް ހުރިއިރު، ކުޑަކުދިންނަށް ހާއްސަ ނާސިންގ ރޫމްތައްވެސް ހުރިކަމަށްވެއެވެ.
އެ ރަށުގައި އެކި އެކި ވަސީލަތްތައް ހުންނަ އިރު އެކަންކަމަށް ބޭނުންވާ ކަރަންޓާއި ފެން ހަމަޖައްސައިދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މި ވަސީލަތްތަކުގެ ތެރޭގައި ސިއްހީ މަރުކަޒަކާއި، ފިހާރަތަކާއި މިސްކިތެއްވެސް ހިމެނެއެވެ. ކުޑަގިރީއަކީ އެކި މުނާސަބަތުތައްވެސް ކުރިއަށް ގެންދެވޭގޮތަށް ތަރައްގީކޮށްފައިވާ ރަށަކަށްވާއިރު، ސަރުކާރު ބަންދު ދުވަސްތަކުގައި އެރަށަށް ދަތުރުދާއިރު، އެއްވެސް ފީއެއް ދައްކަން ނުޖެހެއެވެ.
އެއްފަހަރާ 600 މީހުންނަށް އެރަށުގެ ވަސީލަތްތައް ބޭނުންކުރެވޭނެއެވެ. އަދި ދިވެހިންގެ އިތުރުން ފަތުރުވެރިންނަށްވެސް މި ރަށަށް ދަތުރު އާދެވޭނެއެވެ.