ޚަބަރުސިޔާސީ

މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ދަތުރުތަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން ކުރި ދަތުރުތަކުގެ ހަރަދުތައް 12 މިލިއަނަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިހިސާބުތަކަށް ބަލާއިރު، 1 ޖަނަވަރީ 2023 އިން ފެށިގެން 2 ފެބުރުވަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް ޖުމްލަ 11.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. 2022 ގެ މި މުއްދަތަށް ބަލާއިރު، ސަރުކާރު ދަތުރުތަކަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ 3.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިއަހަރު ފެށުނީއްސުރެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރާއްޖެތެއަށް ރަސްމީ ދަތުރުތައް ކުރައްވާފައިވާއިރު، މިއީ ނިމިދިޔަ އެމްޑީޕީ ޕްރައިމަރީއަށް ކެމްޕެއިންކުރުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކެއްކަމަށް ފާހަގަކުރެވެއެވެ. އަދި މި އަހަރުގެ ފުރަތަމަ މަހާއި ދެވަނަ މަހުގެ ދެވަނަ ދުވަހާހަމައަށް އައިއިރު ދަތުރުތަކަށް އެކަނި ދައުލަތުން 12 މިލިއަނާ ގާތްކުރާވަރަށް ހަރަދުކޮށްފައިވާއިރު، މިއަހަރު ދަތުރުތަކަށް ބަޖެޓުކޮށްފައިވަނީ 201.2 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަދަދު މިއަށްވުރެ ބޮޑުތަނުން މަތިވާނެކަމަށް ލަފާކުރެވެއެވެ.

2022 ވަނަ އަހަރު ބަޖެޓުކުރިވަރަށްވުރެ އިތުރަށް، އެ އަހަރު ނިމުނުއިރު ހަރަދުކޮށްފައިވެއެވެ. އަދި މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށްވާއިރު، ކުރިއަށްއޮތް ތަނުގައި ރައީސް އިބްރާހިމްގެ ދަތުރުފުޅުތައް ގިނަވެ، ސަރުކާރުން ދަތުރުތަކަށް ކުރާ ހަރަދުވެސް އިތުރުވާނެކަމަށް ބެލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button