ޚަބަރު

މިހާތަނަށް ސަރުކާރަށް ހިލޭއެހީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރަށްވުރެ %91 މަދު

މިހާތަނަށް ސަރުކާރަށް ހިލޭއެހީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރަށްވުރެ %91 މަދުކަމަށް ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ފާހަގަވެއްޖެއެވެ.

މި އަހަރުގެ ފުރަތަމަ މަހާއި މި މަހުގެ 9 ދުވަހަށް ބަލާއިރު، ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 5.2 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ސަރުކާރަށް 58.4 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ.

2022 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކުރީ 2.9 ބިލިއަން ރުފިޔާކަމުގައިވީނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ އޭގެ 11 އިންސައްތައެއްހައި ރުފިޔާއެވެ.

މިއަހަރު 2.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް ބަޖެޓުކޮށްފައިވެއެވެ. މިވަރުގެ ބޮޑު އަދަދެއް ލިބޭނެކަމަށް މިއަހަރު ސަރުކާރުން ބަޖެޓްކޮށްފައި މިވަނީ، 2022 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ނުލިބިވަނިކޮށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ހަރަދާއި އާމްދަނީގެ ފަރަގު ބޮޑުވެ އެކަމުގެ އަސަރު ސަރުކާރަށް ކުރާނެއެވެ. އަދި އެކަމުގެ ސަބަބުން ޑެފިސިޓު އިތުރުވާނެކަމަށް މާލީ އިދާރާތަކުން ބުނެއެވެ.

ގިނަ އަދަދެއްގެ ފައިސާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ކޮންމެ އަހަރަކު ލަފާކުރި ނަމަވެސް، އަހަރު ނިމޭއިރު އެއިން ލިބެނީ ވަރަށްކުޑަ މިންވަރެކެވެ. މިފަދަ އަދަދުތައް ބަޖެޓުގައި ހިމަނާއިރު، އެއީ ލިބޭނެ ކަމަށް ކަށަވަރުކުރެވޭވަރުގެ އަދަދުތަކަށް ވުމަކީ މުހިންމު ކަމެއްކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި ލާމަރުކަޒީ އޮފީހުން ސަރުކާރަށް ލަފާދީފައިވެސްވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button