ބަލާ މައްސަލައެއްގެ އަޑުއެހުން، ފަނޑިޔާރަކު އެދިވަޑައިގެންފި ހާލަތުގައި އެ މައްސަލައެއްގެ އަޑުއެހުން ކޮމިޝަނުގެ ތަހުގީގުކުރާ ކޮމެޓީއިން ހުޅުވާލައިގެން ކުރިއަށްގެންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު ހިސާން މިފަދައިން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މަހާޒު އެދިވަޑައިގެންފައިވަނިކޮށް، އެގޮތަށް އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައި ނުވާކަމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނިކޮށެވެ.
ޖޭއެސްސީ އިން ފަނޑިޔާރު މަހާޒަށް ތުހުމަތުކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމް ކުރުން އޮތް ދުވަހު، ރައީސް ޔާމީނަށް ތާއީދުކުރާ މީހަކު ފޮނުވި ފަރިއްކޮޅެއް ބެއްލެވުމުގެ ތުހުމަތެވެ. އެކަމާ ފަނޑިޔާރު މަހާޒު ދެކޮޅު ހައްދަވައި ވިދާޅުވީ އެ ދުވަހު ކެއިން ބެއްލެވީ އަމިއްލަ ހަރަދުގައި ހޯއްދެވި އެއްޗެހި ކަމަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލަތައް ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ފަނޑިޔާރުން އެކަކު އަނެކަކަށް ފަރިއްކުޅުވުމަށް ކާތަކެތި ގެނެސްދެއްވާކަމަށާއި އަދި ރައީސް ޔާމީންގެ މައްސަލަ ކުރިއަށްދާއިރު އަޑުއެހުން ދިގު ދެމިގެންދާތީވެ މައްސަލަ ނިމެންދެންވެސް ފަނޑިޔާރުން އަމަލުކުރެއްވީ މިގޮތަށްކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.
ފަނޑިޔާރު މަހާޒު އެ ދުވަހު ފަރިއްކުޅުވީ އޭނާގެ ބަފައިބެ ޝައިހް އަބްދުލްއަޒީޒު ޔޫސުފުގެ ރެސްޓޯރެންޓަކުން ކަމަށާއި އަދި އެބޭފުޅާއަކީ އެއްވެސް ސިޔާސީ މަސައްކަތެއްގައި އުޅުއްވާ ބޭފުޅެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
ފަނޑިޔާރު މަހާޒުގެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ނުބޭއްވުމަށް ޖޭއެސްސީގެ ރައީސް ހިސާން، މައްސަލަ ތަހުގީގުކުރާ ކޮމެޓީގެ މެންބަރުންނަށް ބާރުއަޅުއްވާކަމަށް އެ ކޮމިޝަނުގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ’ދިޔަރެސް‘ ނޫހަށް މައުލޫމާތު ދެއްވި ކަމަށް އެ ނޫހުގައިވެސް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް ހިސާން ވިދާޅުވީ އެއީ ސައްހަ މައުލޫމާތެއް ނޫންކަމަށާއި، ފަނޑިޔާރަކު ހުޅުވާލައިގެން އަޑުއެހުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފިނަމަ ޖޭއެސްސީގެ އުސޫލުތަކާއި ގަވާއިދުގައިވާ ގޮތުން ހުޅުވާލާފައިވާ އަޑުއެހުމެއް ބޭއްވުން ލާޒިމުވާ ކަމުގައެވެ. އަދި އެ އަޑުއެހުން ހުޅުވާލައިގެން ގެންދިއުމާއި ނުގެންދިއުމުގެ އިހުތިޔާރެއް މައްސަލަ ބަލާ ކޮމިޓީއަކަށް ނޯންނާނެ ކަމަށްވެސް ހިސާނު ވިދާޅުވިއެވެ.