
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ފްރޭމް ކޮށްފިނަމަ ދަޢުވާ ނުކުރާނެ ކަމަށް ޚަޞްމުން ކައިރީގަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވާ އޯޑިއޯ އެބަހުރި ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވަކީލުން މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަކީލު އަލީ ޝާހު ވިދާޅުވީ ވަކިގޮތަކަށް ރައީސް ޔާމިން ފްރޭމް ކުރުމަށާއި،ވަކިގޮތަކަށް ބަޔާން ދީފި ނަމަ އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށްވެސް ފުލުހުންގެ އިސްވެރިން ނިންމި ކަމުގައެވެ.
”އެފަދަ ބައެއް އޯޑިއޯތައްވެސް އެބަހުރިމެ. އެ އޯޑިއޯތައްވެސް އަޅުގަނޑު ހިތުން މިހާރު ހުރިކަން ފުލުހުންނަށްވެސް އެނގޭނެ.“ ޝާހު ވިދާޅުވިއެވެ.
ޝާހު އިޝާރާތް ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާތު އާއި އޭސީޕީ ރިޔާޒު ހެއްދެވި ޑީލުގެ މައްޗަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ކަމަށް އަމިއްލަ އިއުތިރާފް އޮތް އެ ދެބޭފުޅުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިސްވެ ހުންނަވައި ހިޔާނާތުގެ ދައުވާތައް ލުއި ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ ޝަމީމަކީ އަދީބު އާއި ޒިޔާތުގެ ވަކީލެއްގެ ގޮތުގައި ކުރިން ހަރަކާތްތެރި ބޭފުޅަކަށްވެފައި ރައީސް ޔާމީނަށް ކުރާ ދައުވާގައި މަސްލަހަތު ބޮޑުތަނުން ފުށޫއަރާ ކަމުގައެވެ.
ހާއްސަކޮށް ތަހުގީގު މަރުހަލާގައި ޕީޖީ އާއި ފުލުހުންގެ އަމަލުތައް އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.