ޚަބަރު

ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައިގެ އެންމެ ފަހުގެ ތަފްސީލް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެމަނިކުފާނުގެ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިޔާ ކަނޑައެޅުމަށް 2021 ވަނަ އަހަރުގެ ނޮވެމްބަރު 30 ގައި މަޖިލިސް އޮތް ދުވަހު ފަނޑިޔާރުން ފަރިއްކުޅުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރާތީ އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެދިވަޑައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން މަހާޒު ވިދާޅުވެފައިވަނީ އަޑުއެހުންތައް ދިގުލައިގެންދާތީ ރައީސް ޔާމީނުގެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބައްލަވާ ފަނޑިޔާރެއް އެ ބެންޗުގެ އަނެއް ދެ ފަނޑިޔާރުންނާއެކު މެދުރު ފަރިއްކުޅުއްވަން ކާއެއްޗެހި އަމިއްލަ ހަރަދުގައިގެންނަމުންދިިޔަކަމުގައެވެ. އަދި ނޮވެންބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން ކާ އެއްޗެއް ގެންނެވީ މަހާޒު ކަމަށާއި، އެދުވަހަކީ ކޯޓު ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެފަހުން އެއްތަނަކުން ދިމާވާނެ އެންމެ ފަހު މަސައްކަތު ދުވަސްކަމުގައިވާތީ، ހުރިހާ ފަނޑިޔާރުންނަށް އެދުވަހު އަމިއްލަ ހަރަދުގައި ކެއުން ހަމަޖެއްސެވިކަންއެބޭފުޅާފާހަގަކުރެއްވިއެވެ.

”އެ ކާތަކެތި ގެނައީ ކޮންތަނަކުންކަން ހުރިހާ ފަނޑިޔާރުންނަށްވެސް އެނެގޭނެ. އެތަނުގެ ކާތަކެތި މީރުކަމަށްވެސް އެ ބޭފުޅުން ވިދާޅުވި. ޖެހިގެން އަންނަ ދުވަހު ޝަރީޢަތް އޮންނަނަމަ އެ ދުވަހުގެ ހުރިހާ އިންތިޒާމެއް ކުރިއާލާ މިއަދު ރާވާ ހަމަޖައްސާފައި ހުންނާނީ. އެއީ ސިއްރުކަމެއް ނޫން“މަހާޒުވިދާޅުވިއެވެ.

ކާ އެއްޗެއްސަށް ފައިސާ ދެއްކެވި ސުލިޕު އަތްޕުޅުގައި އޮތްކަން ފާހަގަކުރައްވައި މަހާޒު ވިދާޅުވީ އެއީ ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ނޫންކަމަށާއި، ވަކި ހާއްސަ އެއްޗެއް ގެނައީ ނޫންކަމުގައެވެ.

https://twitter.com/mahazalii/status/1598276021207564290?s=46&t=iE5VclcjeTFt3r8PfLmm9g

 

ޑުރަގު ކޯޓުގެ ގާޒީކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި މަހާޒަކީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 2019 ވަނަ އަހަރުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްްތިފާގުން އެ ހުކުމް ބާތިލުކޮށްފައިވަނީ މަހާޒުގެ ރައުޔައަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރައްވައިގެންނެވެ.

މަހާޒާ ދެކޮޅަށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އެ މައްސަލަ ބަލަން ނިންމައި އެ ކޮމިޝަންގެ ތަހުގީގުކުރާ ކޮމިޓީއެއްވެސް އޮތީ މިހާރު އެކުލަވައިލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button