ސަރުކާރުގެ ކުންފުނިތަކުން 2021 ވަނަ އަހަރު ޑިވެޑެންޑުގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ މާލީ ހިސާބުތައް ހިމެނޭ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓުމެންޓުގެ އޮޑިޓު ރިޕޯޓުގައި, ފިނޭންސް މިނިސްޓްރީއިން 2021 ވަނަ އަހަރުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދައްކާނެ ކަމަށް 2،438،514،757 (ދެ ބިލިއަން ހަތަރުސަތޭކަ ތިރީސް އަށް މިލިއަން ފަސްލައްކަ ސާދަހާސް ހަތްސަތޭކަ ފަންސާސް ހަތް) ރުފިޔާ ހިމަނާފައިވެއެވެ. އަދި އެއީ ޑިވެޑެންޑުގެ ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން 7 ކުންފުންޏަކަށް ލިބޭ ފައިސާކަމަށްވެސް ސްޓޭޓުމެންޓުގައި ފެންނަކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.
އޮޑިޓު އޮފީހަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ސްޓޭޓުމެންޓުތަކުގައާއި އަދި އެސްއޯއީތަކުން ދިން އަދަދު ތަފާތުވީ، ފިނޭންސްގެ ހުއްދައާއި ނުލައި ބައެއް ކުންފުނިތަކުން ސަރުކާރުން ލިބެންޖެހޭ ފައިސާއިން ޑިވިޑެންޑުން އުނިކުރަން ނިންމާފައިވާތީއެވެ.
މީގެ ކުރިންވެސް ސަރުކާރަށް ލިބެންޖެހޭ ފައިސާ، ޑިވިޑެންޑުން އުނިކުރުމަށް ހުއްދަ ކުންފުނިތަކަށް ފިނޭންސްއިން ދިނުމަށްފަހު ސެޕް ސިސްޓަމާއި ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމެންޓުގައި އެ ހިސާބުތައް ހިމަނާފައިނުވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން މިހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، 2021 ވަނަ އަހަރު ޑިވިޑެންޑުގެ ގޮތުގައި ލިބޭނެކަމަށް ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދުކަން ކަށަވަރު ނުވާކަމަށް އޮޑިޓު އޮފީހުންވަނީ ނިންމާފައެވެ.