
ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން( ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން މިއަދު ހެނދުނު ތުޅާދޫއަށް ވަޑައިގަތުމުން ތުޅާދޫ ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފިއެވެ.
ހިސާން ތުޅާދޫއަށް ވަޑައިގަތުމުން ރަށު ރައްޔިތުން ވަނީ އެކަމަނާ ފަހަތުން ސުލްހަވެރިކޮށް ހިނގައި، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމާއި މެދު އެމީހުންގެ މެދުގައި އޮތް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހިސާން ތުޅާދޫއަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކެމްޕޭނު ކުރަންކަމަށް ރަށު ރައްޔިތުން ބުނެއެވެ. ކެމްޕޭނު ކުރިޔަށް ގެންދިޔުމަށް ހިސާން ވަނީ ފުލުހުން ގެނެސް ރަށުގެ ގެތަކަށް ޒިޔާރަތް ކުރަން މަސައްކަތް ކޮށްފައެވެ. މިވަގުތު ރަށު ރައްޔިތުން އަންނަނީ ހިސާން ކެމްޕޭނުކުރަމުން ދާ ވަގުތުވެސް އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ.