ޚަބަރު

މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިން ލަފާކުރިވަރަށްވުރެ ދަށްވާނެކަމަށް ވޯލްޑް ބޭންކުން ބުނެފި

2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، ކުރިން ލަފާކުރިވަރަށްވުރެ ދަށްވާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފިއެވެ. 

ވޯލްޑް ބޭންކުން މި މަހު ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓު ރިޕޯޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 12.4 އަށް ކުރިއަރާނެކަމަށް ލަފާކޮށްފައިވީނަމަވެސް، އިގްތިސާދު ކުރިއަރާނީ 8.2 އިންސައްތައަށްކަމަށް ލަފާކުރެވޭކަމަށެވެ.  

ކުރިން އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރަށް، މިހާރު އިގްތިސާދު ކުރިއަރާނެކަމަށް ލަފާނުކުރެވޭ ސަބަބަކަށް ކޮވިޑުގެ ހާލަތުން އަރައިގަތުމަށް އަންނަ މަޑުޖެހުން ފާހަގަކުރެވެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދިޔުމަށް ދިމާވާ ދަތިތަކުގެ ތެރޭގައި ޔޫކްރެއިންގެ ހަނގުރާމައިގެ ނޭދެވޭ އަސަރާއި ސަރަހައްދީ އެކި އިގްތިސާދުތަކުގައި ހުންނަ ނާޒުކު ސިފަތައްވެސް ހިމެނޭކަމަށް ވޯލްޑު ބޭންކުން ބުނެފައިވެއެވެ. މި ހިރާސްތައް ހުރި ނަމަވެސް، ރާއްޖޭގައި ފަތުރުވެރިކަމަށް ލިބޭ ތަރުހީބުގެ ސަބަބުންނާއި، ރާއްޖޭގައި ހިންގާ އެކި އެކި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަކީ މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރާނެ އިގްތިސާދުކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. 

މީގެ އިތުރުންވެސް، ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓުގެ ހުރި ތަފާތު ބޮޑުވެފައި، ކުރު މުއްދަތެއްގެ ތެރޭގައި އަދާކުރަންޖެހޭ ދަރަނީ ގިނަވުމަކީވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރައިދިޔުމަށް އެޅޭ ހުރަހެއްކަމަށާއި، ބޮޑެތި އިގްތިސާދުތަކުގައި ހިދުމަތްތަކާއި މުދަލުގެ އަގު އިތުރުވެފައި ހުންނަ ހުރުމަކީ، އިންޓަރެސްޓު ރޭޓުތައް އިތުރަށް ބޮޑުވާ ކަމަކަށްވާތީ، މާލީ ބާޒާރަށް ބޭރު ފައިސާގެ ދަތިތަކާއި، އެކަމުގެ ފިއްތުންތައް ބޮޑުވާނެކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button