ޚަބަރު

ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް ވޯލްޑް ބޭންކުން ބުނެފި

ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި ހަރުދަނާކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވަލަންޖެހޭކަމަށް ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް މާޓިން ރައިސަރ ވިދާޅުވެއްޖެއެވެ.

މާޓިން ރައިސަރ މިހެން ވިދާޅުވީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމީ ބައްދަލުވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކާއި މޫސުމީ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް ޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކަށް ބޭނުންވާ އެހީތެރިކަމާއި ހިތްވަރު، ވޯލްޑު ބޭންކުން ސަރުކާރަށް ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މާޓިން ރައިސަރގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވެރިންނާވެސް ބައްދަލުކައްވާފައިވެއެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރު އަދި އެންވަޔަރމަންޓު މިނިސްޓަރު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި މާޓިން ރައިސަރ ބައްދަލުކުރެއްވުމުން، ފާއިތުވެދިތަ 44 އަހަރުގައި ވޯލްޑް ބޭންކާއި ރާއްޖެއާއި އޮތް ހަރުދަނާ ގުޅުމާމެދު އަލިއެޅުއްވިކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔުއްވާފައިވެއެވެ.

ޔޫކްރެއިންގައި ހިނގި ހަނގުރާމައާ ގުޅުވައިގެން މާޓިން ވިދާޅުވީ، އެކަމުގެ ސަބަބުން ތަކެތީގެ އަގުތަކަށް އައި އަދި ކުރިއަށް އޮތްތާ އަންނާނެ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑޫ އުފުލުމުގެ ނުރައްކާ ބޮޑުވެ، ރާއްޖެއަށް އައު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ކޮވިޑް19 ގެ ހާލަތުގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށްކަމަށްވެސް މާޓިން ވިދާޅުވިއެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި 5 މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށް، ސަރުކާރުގެ އިސްވެރިންނާއެކު ރައިސަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢުގެ ސަބަބުން އާދައިގެ ޑީސަލް އުފެއްދުމާ އަޅާބަލާއިރު ކަރަންޓުގެ ޚަރަދު ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަވެގެންދާނެއެވެ.

އެނގިފައިވާގޮތުގައި، ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ، ކްލައިމެޓް އެޑަޕްޓޭޝަނަށް އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތަކާއި ޑޭޓާ ބޭނުންކުރުން ދެނެގަތުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައިވެސް މާޓިން ރައިސަރ ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން ކްލައިމެޓް އެޑަޕްޓޭޝަނަށް އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތަކާއި ޑޭޓާ ބޭނުންކުރުން ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި، މުހިންމު އުމްރާނީ ވަސީލަތްތަކާއި، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ސްމާޓް އިންވެސްޓްމަންޓްތަކާއި، ތިމާވެށީގެ ނިޒާމުގެ ހިދުމަތުގެ ބޭނުން ހިފުމާއި، ރެޒިލިއަންސް ބިނާކުރުމަށް އެހީތެރިވެދޭނެ ގޮތްތައް ބައްލަވާލެއްވުމަށް ރައިސަރ ވަނީ ކ. އަތޮޅު ގުޅީއަށް ޒިޔާރަތްކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button