ޚަބަރު

އިންފްލޭޝަން މަތިވުމަކުން ރައްޔިތުންނަށް ”އެހާ ބޮޑު ބުރައަކަށް“ ނުވާނެ: ރައީސް ސޯލިހް

2023 ޖަނަވަރީ 1 އިން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީ އަދި ޖީއެސްޓީ ފީ ބޮޑުކުރުމާއި ގުޅިގެން، އިންފްލޭޝަން ރޭޓަށް އަންނަ ބަދަލަކީ ރައްޔިތުންނަށް ”އެހާ ބޮޑު ބުރައަކަށް“ ވާނެ ކަމެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

”ކޮންމެއަކަސް އިންފުލޭޝަނެއް އަންނާނެ. އެއީ އަޅުގަނޑުވެސް ގަބޫލުކުރާ އެއްޗެއް. ނަމަވެސް އެއީއަކީއެއް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އެ ނުދެއްކޭ ވަރުގެ އެއްޗަކަށްވެގެނެއް ނުދާނެ. ރައްޔިތުންނަށް އެހާ ބޮޑު ބުރައެއް އުފުލަންޖެހޭނެ އެއްޗަކަށް ވެގެންދާނެކަމަށް އަޅުގަނޑު ނުދެކެން“ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ، ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަކީ ވަރަށް ގިނަ ފަރާތްތަކައި މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއްކަމަށާއި، ދިގު މުއްދަތެއް ޓެކްސް އިތުރަށް ނެގުމުގެ ކުރިން ރައްޔިތުންނަށް ދެވުނު ނަމަ ރަނގަޅުވީސް ކަމަށެވެ. ނަމަވެސް 2022ގެ ފުރަތަމަ ކޮޅުގައި ޓެކްސް ބޮޑުކުރުމުގެ މަޝްވަރާތައް ފެށިފައިވާތީ 8 މަސްހައި ދުވަސް ޓެކްސް ބޮޑުކުރުމުގެ ކުރިން ރައްޔިތުންނަށް ދެވުނުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޓެކްސްއަށް މި އަންނަ ބަދަލާއި ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ އަންދާޒާކުރެވޭވަރަށްވުރެވެސް ބޮޑަށް ތަކެތީގެ އަގު އުފުލޭނެކަމަށެވެ. ރައީސް ސާލިހް ވިދާޅުވީ މި ބަދަލުތައް ވަރަށް ގާތުން ބައްލަވާނެކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ، އެކަން ބުރައަކަށްވާކަމަށް ބެލެވޭނަމަ، އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button