ރައީސް ސާލިހް ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން މާލީ އެހީއެއް ނުލިބޭނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

ރައީސް ސާލިހް ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކުން، ސަރުކާރަށް މާލީ އެހީ ނުލިބޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އަގު ވަޒަންކުރަނީ، އެ ދަތުރުފުޅުތަކުގެ ސަބަބުން ސަރުކާރަށް ލިބޭ މާލީ އެހީތެރިކަމަށް އެކަނި ބަލައިގެން ނޫންކަމަށެވެ.
މިއުވާން އިތުރަށް ފާހަގަކުރެއްވީ އެ ދަތުރުފުޅުތަކުގައި ހަމަ އެކަނީ ބަލަނީ މާލީ އެހީތެރިކަމަށް ނޫންކަމަށާއި، ބައެއް ދަތުރުފުޅުތަކަކީ ދޭދޭ ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ ދަތުރުފުޅުތަކަށްވާއިރު، އޭގެ ތެރޭގައި ގިނަ ދައުލަތްތަކުން ބައިވެރިވާ ދަތުރުފުޅުތައްވެސް ހިމެނެއެވެ.
2022 އަހަރު ނިމެން ދުވަސްކޮޅަކަށް ވެފައިވާއިރު، މި އަހަރު ބަޖެޓު ކުރިވަރަށްވުރެ އިތުރަށް 18 މިލިއަން ރުފިޔާ ވަނީ ސަރުކާރުގެ ދަތުރުތަކަށް ހަރަދުކޮށްފައެވެ. އަދި މި އަހަރު ކުރި ގިނަ ދަތުރުތަކުގެ ހަރަދު ތަފްސީލް ހާމަކުރަން ސަރުކާރުން ދެކޮޅުހަދައެވެ. އެހެންކަމުން ރައްޔިތުންގެ ފާޑުކިޔުން މިކަމަށް ވަރަށް ބޮޑަށް އަމާޒުވެފައިވެސް ވެއެވެ.
ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާތީ، ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސް ސާލިހް ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ހިލޭ އެހީ ލިބިފައިވާކަމަށެވެ. ނަމަވެސް މިއަހަރު ހިލޭ އެހީ ލިބޭނެކަމަށް އަންދާޒާ ކުރިވަރާ ގާތަށްވެސް ހިލޭ އެހީ ލިބިފައިނުވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުންވެސް ފެންނަން އެބަހުއްޓެވެ.