2022 ވަނަ އަހަރުގެ ބަޖެޓުގައި ދަތުރުތަކަށް ހަމަޖެއްސި ވަރަށްވުރެ އިތުރަށް 18 މިލިއަން ރުފިޔާ އެކަމަށް ހަރަދުކޮށްފި

2022 ވަނަ އަހަރުގެ ބަޖެޓުގައި ދަތުރުތައް ކުރުމަށް ސަރުކާރަށް ހަމަޖެއްސި ބަޖެޓަށްވުރެ އިތުރަށް 18 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި މި ޑިސެންބަރު މަހުގެ 15 އާ ހަމައަށް، ސަރުކާރުންވަނީ 221.2 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައެވެ. އެއީ 2021 ވަނަ އަހަރާ ބަލާއިރު 61.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
2021 ވަނަ އަހަރުގައި ސަރުކާރުތަކުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 160 މިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު ދަތުރުތައް ކުރުމަށް ސަރުކާރުން 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އޭގެ އިތުރަށް 18.2 މިލިއަން ރުފިޔާ، ދަތުރުތަކަށް ހަރަދުކޮށްފައިވެއެވެ. 2023 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު، ސަރުކާރުން ވަނީ ދަތުރުތަކަށް 208.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
މީގެ ކުރިންވެސް ރައީސް ސާލިހްއާއި ސަރުކާރުގެ އިސްވެރިންވަނީ އެތައް ދަތުރުތަކެއް ރާއްޖެއިން ބޭރަށް ކުރައްވާފައެވެ. އަދި ރައީސް ސާލިހް ވިދާޅުވާގޮތުންނަމަ، އެމަނިކުފާނަކީ ވަރަށް ދަތުރުފުޅު ކުރާ ހިތްވާ ބޭފުޅުކެވެ.