ޚަބަރު

ނޮޅިވަރަންފަރު ސަހަރާ ޕޮލިހުން މެދުވެރިކޮށް ކޮނުނު މައްސަލަ އެރަށު ކައުންސިލުން ކުށްވެރިކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން، އެ ކައުންސިލުގެ ހުއްދަ ނެތި ޕޮލިހުން މެދުވެރިކޮށް އެރަށު ސަހަރާ ކޮނުނު މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލްއިން އެކަން ހާމަކޮށްފައިވަނީ މިއަދު އެ ކައުންސިލްއިން ނެރުނު ނޫސްބަޔާނަކުންނެވެ.

އެރަށު ކައުންސިލުގެ ރައީސް އަދި މެންބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ވާގޮތުން، 12 ޑިސެންބަރު 2022 ވީ ދުވަހުގެ ރޭ 23:30 ހާއިރު، އެ ރަށު ސަހަރާއަށް އާންމުންގެ ބަޔަކު ވަދެ، ރުގްޔާކުރުމަށްޓަކައި ކޮންނަމުންދާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވެއެވެ. އަދި ވަގުތުން ކައުންސިލުން ސަހަރާއަށް ދިޔަކަމަށާއި، އޭރު އެރަށު ޕޮލިސް އިންޗާޖުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ އެހެން ބޭފުޅުންވެސް އެތަނުގައި ތިބިކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި ސަހަރާ ކޮންނަމުންދިޔައީ އެމީހުންގެ ހާޒިރުގައިކަމަށްވެސް ނޮޅިވަރަންފަރު ކައުންސިލްއިން ތުހުމަތުކުރެއެވެ.

ނޮޅިވަރަންފަރު ސަހަރާ ކޮނުމުގެ ހުއްދަ، އަނގަބަހުން، އެކިފަހަރު މަތިން ހޯދުމަށް އެކައުންސިލްކުރެން އެދިފައިވާކަމަށާއި، އެގޮތަށް އެދެމުންދާތީ، އެކަމާއި ގުޅިގެން ކައުންސިލުން އިސްލާމިކް މިނިސްޓްރީގެ ލަފައެއް ހޯދިކަމަށް ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ލަފާ ދެއްވީ ސަހަރާ ކޮނުމުގެ ހުއްދަ ނުދޭންކަމަށާއި، ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުން ނޯންނާނެކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާކަމަށްވެސް ބަޔާނުން އެނގެން އޮވެއެވެ. އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން، ސަހަރާ ކޮނުމުގެ ހުއްދައަކަށް އެދުނު މީހުންނަށް، އެކަން ނުކުރެވޭނެކަމަށް ކައުންސިލުން އަންގާފައިވާނެކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގާނޫނުތައް ތަންފީޒުކުރުމުގެ އެންމެ ބޮޑު އެއް ހިއްސާ އޮންނަނީ ދިވެހި ފުލުހުންގެ އަތުގައި ކަމަށްވާއިރު، އެފަދަ މަގާމެއްގައި ތިބި ބަޔަކު މަޝްއޫލުވެގެން ތިބެ، އެފަދަ ކަމަކަށް އެއްބާރުލުންދީފައިވާތީ ކައުންސިލުން އެ އަމަލު ކުށްވެރިކޮށްފައިވެއެވެ. އަދި ހަމައެއާއެކު ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިހުރީ ނޮޅިވަރަންފަރު ކައުންސިލް ބަދުނާމުވާގޮތަށް ކަމަށް ބުނެ، އެކަންވެސް އެ ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ. އަދި އެ އަމަލަކީ އޭގެ ސަބަބުން، ގާނޫނު ނަންބަރު 2010/7 ”އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު“ އިން އެކައުންސިލަށް ލިބިދީފައިވާ ބާރަށް އަރައިގަތުން ކަމަށްވެސް އެކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ޕޮލިހުންގެ ހާޒިރުގައި، ނޮޅިވަރަންފަރުގައި ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން، އެރަށު ކައުންސިލުން ވަނީ، އެމައްސަލަ ހިނގައިދިޔަގޮތް ބަލައި، އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި، ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button