ޚަބަރުސިޔާސީ

ތިލަމާލެ ބުރިޖުގެ ފެންވަރާމެދު ސައީދު ސުވާލު އުފައްދައިފި

އިންޑިޔާގެ އެފްކޮންސްއިން އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ގެންގުޅޭ ކެރޭނެއް ބިންދައިގެން ވެއްޓޭ ވީޑިޔޯއެއް ހިއްސާކުރައްވަމުން ބުރިޖުގެ ފެންވަރާމެދު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ސައީދު ވަނީ މިމަސައްކަތަށް 600 މިލިޔަން ޑޮލަރުގެ އިތުރުން މަސައްކަތް އަވަސް ކުރުމަށް އިތުރު 100 މިލިޔަން ޑޮލަރު އިތުރުކުރުމަށްފަހުވެސް މަސައްކަތުގެ ފެންވަރާއި ސްޕީޑް ދަށްކަމަށް ދޭހަވާގޮތަށް ޓްވީޓް ކުރައްވާފައެވެ.

އޭގެ އިތުރުން ސައީދު ވަނީ ފަހުން ލިބިދާނެ ބޮޑުގެއްލުމަކުން ސަލާމަތްވުމަށް މިމަސައްކަތް ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލާއި މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ގޮވާލައްވާފައެވެ. މިހާދިސާ ހިނަގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. މިވީޑީޔޯއިން ފެނިގެންދަނީ ބުރިޖު ހަދަން ގެންގުޅޭ ދަގަނޑުގަނޑެއް މޫދަށް ތިރިކުރަން އުޅުމުގެ ތެރޭގައި، ކެރޭނު މެދުން ލެނބި ބިންދައިގެން ގޮސް ކެރޭނު މޫދަށް ވެއްޓޭ ތަނެވެ.

މިފަދަ އެތަށް ހާދިސާއެއް ވަނީ މިމަސައްކަތް ކުރަން ފެށި ހިސާބުން ހިނގާފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ބުރިޖު ހެދުމަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރި ހާދިސާއެވެ. މިމައްސަލާގައި ގެއްލުމުގެ ބަދަލު ދިނުމަށް އެފްކޯންސްއަށް އެންގުމުން ވަނީ އެކަމަށް ދެކޮޅުހަދާ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button