
އިންޑިއާ ނޫން ގޮތެއް މިއަދު ދިވެހިންނަށް ނެތްކަމަށް، ޕީއެންސީގެ ނައިބު ރައީސް، މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ، ޕްރޮގްރެސިސް ޕާޓީ އޮފް މޯލްޑިވްސްއިން ރޭގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހާއްސަ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުންދު ވިދާޅުވީ ރާއްޖެއިން މިހާރު ހުރިހާކަމެއްވެސް ކުރަނީ އިންޑިއާ މެދުވެރިކޮށެވެ. ފުލުހުންނާއި ސިފައިން ތަމްރީނުކުރަން ފޮނުވާލަން ޖެހުނަސް، ލޯނެއް ނެގިޔަސް، ޕްރޮޖެކްޓެއް އިއުލާން ކުރިއަސް، ވުޒާރާއަކުން ބޭފުޅަކު ތަމްރީނު ޕްރޮގްރާމަކު ދިޔަކަމުގެ ހަބަރު ލިބުނަސް، އެއިން ބޭފުޅަކު ނުވަތަ އެހެން ވަޒީރެއް ޗުއްޓީއަށް ދިޔަޔަސް، ތަނެއް މަރާމާތުކުރަން ޖެހުނަސް ދާންޖެހެނީ އިންޑިއާއަށެވެ. އެވާހަކަފުޅަށް އިތުރުކުރައްވަމުން މުންދު ވިދާޅުވީ ހުސްވި ހަފްތާގައި އެބޭފުޅުންވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސްފައިކަމަށާއި، އެ ކޮމިޝަނުން ވިދާޅުވީ ”ނުކުޅަދާނަ“ ވަރަށް އިންޑިއާގެ ފަރާތުން އެކި އެކި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެދި ދައުވަތު ލިބެމުންދާކަމަށެވެ.
މުންދުގެ ވާހަކަފުޅުގައި، މިހާރު މީހަކު މަރުވެގެން ޕޯސްޓްމޯޓަމް ހަދަންޖެހުނަސް އެ މަސްގަނޑު ފޮނުވަންޖެހެނީ އިންޑިއާއަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ތަނެއް ބިނާކުރަން ވެއްޔާއި ހިލަވެލި ހޯދިޔަސް އިންޑިއާއިން ނޫންގޮތަކަށް އެކަން ނުވާކަމަށާއި، ކާންބޯން ބޭނުންކުރާ ކާޑުގެ ބާވަތެއް ހޯދަންވިޔަސް އިންޑިއާއިން ނޫންތަނެއްގައި އެ ހެދޭކަމަކަށް ނުވާކަމަށެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުޔަން މުންދު ވިދާޅުވީ ”ރާއްޖޭގައި ޕޯތެއް ހަދަންވީމައިވެސް އިންޑިއާ މީހުން. ޗާޓު ކުރަހަންވީމައި އިންޑިއާ މީހުން، ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަންވީމައިވެސް އިންޑިއާ މީހުން، ފަތުރުވެރިކަން ޕްރޮމޯޓުކުރަންވެސް މުޅި ދުނިޔޭގައި 200 އެތައް ގައުމު އޮތް އިރުވެސް ހަމަ އިންޑިއާއަށް، އަޅުގަނޑުމެންގެ ގައުމީ ސަލާމަތް މިއަދު އިނގެނީވެސް އިންޑިއާއަށް. އދ. ގައި ވޯޓު ދޭންވީ ގޮތްވެސް އެނގެނީ އިންޑިއާއަށް“ ކަމަށެވެ.
ރާއްޖޭގެ އަމަން އަމަންކަމާއި، މިނިވަންކަން ގެއްލިގެންދާނެ އިތުރު ތަނެއް ނެތްކަމަށާއި އެކަމަކީ މިހާރު ވެނި މިފައިވާކަމެއް ކަމަށް މުންދު ވިދާޅުވިއެވެ. ހަމަ އެހާވެސް ބޮޑަށް މިސަރުކާރު މިއޮތީ އިންޑިއާގެ ވަކިތަކުގައި ގައިދުވެފައިވާކަން ފާހަގަކުރައްވައިމުންދު ވިދާޅުވީ އެބައެއްގެ ގައުމާއި ދީން ހިމާޔަތްކުރަން ނުކުންނަން ޖެހޭނީ އެބައެއް ކަމަށާއި، އެކަން އެންމެ މުހިންމު ވަގުތުގައި ނުކޮށްފިނަމަ، އޭގެ ހިތި މުސްތަގުބަލުގައި ދެކޭން ޖެހޭނެކަމަށެވެ.