އެމްއެމްއޭ އިން 3.8 ބިލިއަން ރުފިޔާގެ ސްވޮޕް ލޯނެއް އިންޑިއާއިން ނަގަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 3.08 ބިލިއަން ރުފިޔާ ނުވަތަ 200 މިލިއަން ޑޮލަރު ކަރަންސީ ސްވޮޕްގެ ގޮތުގައި ބޭންކް އޮފް އިންޑިއާއިން ހޯދުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ކަރަންސީ ސްވޮޕްގެ ގޮތުގައި ފައިސާ ނަގާއިރު އިންޑިއާ ބޭންކުގައި ދިވެހި ރުފިޔާއިން ނަގާ މިންވަރު ބަހައްޓާނެއެވެ. އަދި މި ދަރަނި ބޭރު ފައިސާއިން އަދާކުރުމުން ދިވެހި ރުފިޔާއިން ބެހެއްޓި ފައިސާ އަނބުރާ ދޭނެއެވެ. މިގޮތައް ނަގާ ފައިސާ ވަކި މުއްދަތެއް ތެރޭގައި އަނބުރާ ދައްކަން ޖެހެއެވެ. ކަރަންސީ ސްވޮޕްއަކީ އަނބުރާ ދައްކާއިރު އިންޓްރެސްޓާއެކު ދައްކަންޖެހޭ ފައިސާއެކެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުން ހެދީ، ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކޮށް ދިވެހި ފައިސާގެ އަގު އެއް މިންގަނޑެއްގައި ހިފަހައްޓުވައި އަދި ބޭރުގެ ފައިސާ ރާއްޖޭގައި ދައުރުކުރާ މިންވަރު އިތުރުކުރުމަށް ކަމަށެވެ. މި ދަރަނީގެ އިންޓްރެސްޓު ރޭޓާއި ދަރަނި އަދާކުރަންޖެހޭ މުއްދަތު އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.
2019 ވަނަ އަހަރުވެސް އެމްއެމްއޭ އިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއިއެކު ހަދާފައެވެ. އަދި އެ ފައިސާ އަދާކޮށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ.