ޚަބަރު

ސިޓީ ކައުންސިލުން މިމަހުގެ 26 އިން ފެށިގެން މާލޭގެ އާންމު ސަރަޙައްދުތަކުން ކުނިނަގަން ފަށަނީ

މާލެ އަދި ވިލިމާލެއިން ކުނި ނެގުމުގެ މަސައްކަތް މި މަހުގެ 26 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުން މަގުތަކާއި އާންމު ތަންތަން ސާފު ކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށް ކަނޑައަޅާފައިވާއިރު، އެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއަށް އައުޓްސޯސް ކޮށްގެންނެވެ. އެހެންނަމަވެސް، ކުނިނެގުމަށް ވެމްކޯއާއި އެކުގައި ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވުމުން އެ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނި ވެމްކޯއާއިއެކު މިހާރު ވެފައިވާ އެއްބަސްވުން މި މަހުގެ 26އަށް ހަމަވާނެކަމަށެވެ. އަދި އެއާއެކުގައި އެ އެއްބަސްވުން ހަމަވުމުން ކުރިން ފާސްކޮށްފައިވާ ގޮތަށް، ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ހުށަހެޅިފައިވާ ހުށަހެޅުމަށް ވޯޓަށް އެހުމުން 12 މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށްފައިވާނެކަމަށެވެ.

އެހެންކަމުން، ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނާއި ހުސްބިންތަކާއި ޕާކިން ޒޯންތަކާއި މާރުކޭޓްތަކާއި ބާޒާރު މަތި ކުނިނަގައި ކުނި ކަހައި ކުނި އުކާލުން އަދި ބަނޑުތަކާއި ފަޅުތެރެއިން ކުނި ނެގާއި އުކާލުން ފަދަ މަސައްކަތް މި މަހުގެ 26 އުން ފެށިގެން ކުރާނީ މާލެ ސިޓީ ކައުންސިލުން އަމިއްލައަށެވެ.

މާލެ ސިޓީގެ އޭރިއާ 16 ޒޯނަކަށް ބަހައި އަދި ވިލިމާލެ 4 ޒޯނަކަށް ބަހައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ނިންމާފައިވެއެވެ.

މި މަސައްކަތް މިހާރު ވެމްކޯއިން އަގު ނަގައިގެން ކުރިނަމަވެސް، އެ މަސައްކަތް ކުރާއިރު ސިޓީ ކައުންސިލްގެ ބޮޑު ފޯސްއެއް އެކަމުގައި އުޅެންޖެހޭކަމަށާއި ކޮންޓްރެކްޓުގެ ދަށުން ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ ވެމްކޯއަށް ދައްކަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މޭޔަރު ވިދާޅުވެފައިވަނީ ކައުންސިލުން އަމިއްލައަށް އެ މަސައްކަތް ކުރާ ނަމަ އެއަށްވުރެއް އަގު ދައްކޮށްވެސް އެ މަސައްކަތްކުރެވޭނެ ކަމަށެވެ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button