ޚަބަރުސިޔާސީ

3 ނޮވެންބަރުގެ އުދުވާނީ ހަމަލާގެ މޭސްތިރި ސިއްކަ އަހްމަދު އިސްމާއީލް މާލެ އަތުވެއްޖެ

އަމިއްލަށް އަރުވާލެވިގެން އަވައްޓެރި ސްރީލަންކާގައި ހުރުމަށްފަހު، ސިއްކަ އަޙްމަދު އިސްމާއީލް މަނިކު އިއްޔެ މާލެ އަތުވެއްޖެކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ސިއްކަ މާލެ އައިސްފައިއެވަނީ 18 އަހަރު ފަހުންނެވެ. ސިއްކަ އަކީ މި ސަރުކާރުގެ ފަސްޓު ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕައެވެ.

03 ނޮވެންބަރުގެ އުދުވާނީ ހަމާލާގެ އެއް މޭސްތިރިކަމުގައިވާ ހާޖަރާގެ ލުތުފީ ބުނާގޮތުންނަމަ، އެ އުދުވާނީ ހަމާލާގައި ރައީސް މައުމޫނު އަވަހާރަކޮށްލަން ސިއްކަ ވަނީ އެދިފައެވެ. އަދި އެ ހަމަލާގެ ހުރިހާކަމެއް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ސިއްކަ އިސްމާއިލް އަހްމަދު މަނިކުކަމަށް ލުތުފީ ބުނެފައިވާކަމަށާއި އެ ހަމަލާގެ ކަންކަން ކުރި އިރު ސިއްކަ އާއި ލުތުފީއަކީ ވިޔަފާރި ކުރި ދެމީހުންކަމަށާއި ލަންކާގައި އަސްދޫނި ފާމެއްވެސް ހިންގިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެދެމީހުން ހިންގި ވިޔަފާރިން ލިބޭ ފައިސާ އެ އުދުވާނީ ހަމާލާއަށް ބޭނުންކުރި ނަމަވެސް އަމިއްލަ ޖީބުން އެ ކަމަށް ސިއްކަ ހަރަދުނުކުރާކަމަށް ލުތުފީ ބުނެއެވެ. ހުރިހާ ކަމެއްގެ ސިއްކައަށް އެނގޭނެކަމަށާއި، އެކަމަށް ލަތީފުއަށް އެކިގޮތްގޮތުން ހިތްވަރުދީ، އޭރުގެ ރައީސް މައުމޫނުގެ ނުލަފާ ވާހަކަދައްކައި އެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭކަމުގެ ވާހަކަތައް ދައްކައި އެގޮތަށް ލަތީފަށް ވިސްނުވައިދީފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަދި އޭރު ސަރުކާރުގައި ހުރި ފޮރިން ސެކްރެޓަރީ ކަމަށްވާ އިބްރާހިމް ހުސެއިން ޒަކީވެސް އެ އުދުވާނީ ހަމަލާގެ މުހިންމު މައުލޫމާތުތައް ލުތުފީއަށް ފޯރުކޮށްދޭކަމަށްވެއެވެ. ލުތުފީ ބުނާގޮތުންނަމަ އެ މައުލޫމާތު ޒަކީ މެދުވެރިކޮށް ފޯރުކޮށްދެނީ ސިއްކައެވެ. ލުތުފީއަށް ފޯރުކޮށްދޭ މައުލޫމާތު ތަކަކީ އެ އުދުވާނީ ހަމާލާއާ ގުޅޭ މައުލޫމާތު ކަމެއް ޒަކީއަށް ނޭނގޭނެ ކަމަށާއި، ނަމަވެސް ސިއްކަ އާއި ޒަކީ އަކީ ވަރަށް ގާތް ދެމީހުންނަށްވާތީ، ސިއްކަ ކުރާ ހުރިހާ ސުވާލަކަށް ޒަކީ ޖަވާބު ދޭ ކަމަށްވެސް ލަތީފު ބުނެފައިވެއެވެ.

ލުތުފީ ގަބޫލުކުރާ ގޮތުގައި ސިއްކަ ލުތުފީއަށް އެހީވީ އޭރުގެ ވެރިކަމުގައި ހުންނެވި މައުމޫނު ވެރިކަން ކުރައްވާ ގޮތާއި ހިތްހަމަ ނުޖެހިގެން، އެހެން އިންތިހާބެއް ބާއްވައި ރަނގަޅު ވެރިއަކު ހޯދުމުގެ ބޭނުމުގައެވެ.

3 ނޮވެންބަރުގެ އުދުވާނީ ހަމާލާއާ ގުޅިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އޭގެ 2 އަހަރެއްހާ ދުވަހު ޖަލުގައި އުޅުމަށްފަހު ބަލި ހާލަތު ހުރިގޮތުން ސިއްކަވަނީ 4 އަހަރު އިންޑިއާގައި ހޭދަކޮށްފައެވެ. އޭގެ ފަހުން ބައިޕާސްއެއް ހައްދަން ލަންޑަނަށް ގޮސް އެނބުރި އައުމުން ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްދީފައެވެ.

އެ އެދުވާނީ ހަމާލާއާ ގުޅިގެން ލުތުފީ ހުރީ އުމުރަށް ޖަލަށްލާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަކަށް ލަންކާއަށް ދިޔަގޮތަށް ލުތުފީ ހުރީ އެތަނުގައެވެ. ލުތުފީ ފަހުން ރާއްޖެ ގެނެވުނީ ލަންކާގައި ހުއްޓާ އެކޮޅުގައި ހިނގި އީސްޓަރ ބޮމުގެ ހަމަލާއަށްފަހު، ލަންކާގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީގައި، ސަރުކާރުގެ ހިމާޔަތުގައި އޭނާ ހުރިކަން ސަރުކާރަށް ފަޅާއެރުމުންނެވެ.

ލުތުފީ ފިލައިގެން ދިޔުމާއި ގުޅިގެން އޭނާގެ މައްޗަށް ވަނީ 7 މަހާއި 18 ދުވަހުގެ ޖަލު ހުމެއް އިއްވާފައެވެ. އެއާއެކު ކުރީ ހުކުމުގެ ބާކީބައިވެސް ތަންފީޒުކުރުމަށް އޭނާއަށް އަންގާފައިވެއެވެ. ލުތުފީ މިނިވަންވާން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މި އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ސަގަރު ނާސިރުވެސް މީގެ ކުރިން މިނިވަން ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button