ޚަބަރުސިޔާސީ

ސިޓީ ކައުންސިލުން އެދިގެން ސިނަމާލެ 4 ގެ ފެލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދިނުމުން މޭޔަރަށް އާންމުންގެ ތައުރީފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވިލިމާލޭގައި ހެދި ސިނަމާލެ ފްލެޓް 4 ގެ ފުލެޓުތައް މިލްކުކުރާ ފަރާތްތަކުން ދައްކަންޖެހިފައިހުރި ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިގެން އެ ފައިސާ މައާފުކޮށްދިނުމަށް ސަރުކާރުން ނިންމުމުން މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް އާންމުންގެ ތައުރީފް އަމާޒުވެއްޖެއެވެ.

ވިލިމާލެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ފާތިމަތު ނާޒިމާ ވިދާޅުވިގޮތުގައި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް މޭޔަރު މުއިއްޒު ހަވާލުވެވަޑައިގަތް ފަހުން ވެވަޑައިގެންނެވި އެންމެ އުންމީދީ ވައުދަކީ ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގައި ދިރިއުޅޭ ފަރާތްތަކަށް އެތަން އަމިއްލަވެ ޖޫރިމަނާ މާފުކޮށްދިނުމެވެ.
ސިނަމާލެ 4 ގައި ދިރިއުޅޭ ފަރާތްތައް އެތަނަށް ފައިސާ ދައްކާތާ 18 އަހަރު ވީއިރުވެސް އެކަމަށް ހައްލެއް ގެނެސްދިނުމުގައި ކުރީގެ ހުރިހާ ކައުންސިލެއް ނުކުޅެދުނަސް ޕީޕީއެމަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުމާގުޅިގެން  33 އާއިލާގެ ރައްޔިތުންގެ އެދުން ފުއްދުމަށް މޭޔަރު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ނާޒިމާ ވަނީ ފާހަގަކުރައްވާފައެވެ.
ސިނަމާލެ 4 ގެ ފެލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދިނުމުގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނައިގެން ދުރާލާ މަސައްކަތް ކޮށްގެން ހާސިލްކޮށްފައިވާ މަސައްކަތެކެވެ.
ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ފިނޭންސްމިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ. މި ނިންމުން ފިނޭންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކޮށްފައެވެ.
“ އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމަ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން“ މޭޔަރ މުއިއްޒު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ”ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ“ ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއްކަމުގައި އެފައިސާ ކަނޑައަޅައިފި ކަމުގައެވެ.
ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުޞަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި 06 ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button