ޚަބަރުސިޔާސީ

އަމީނީ މަގު ހެދުމުގެ ރޭވުން: ތިޔަ ރޭވުމެއްގައި 3 މަސް ވަނީ ނޫންތޯ؟

 

މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނަސް، އެ ކަމަށް ތައްޔާރަށް އޮތް ކަމަށާއި، ރާވާފައިވަނީ 24 ގަޑިއިރު މަސައްކަތް ކޮށްގެން މަގު ނިންމޭތޯ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓް އަދި އެމްއާރުޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު (މަންޑޭ) އެކަމަށް ރައްދު ދެއްވައިފިއެވެ.
މަންޑޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ބުނާ ރޭވުމެއްގައި 3 މަސް ވީނޫންތޯ އާއި، ތާރު އެޅުމަށް ބޭނުންކުރާ އެސްފޯލްޓް މެޝިން ކޮބައިތޯ އާއި، ތާރުއަޅަން ބޭނުންވާ ސާމާނު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
”އިތުރު ސެގްމެންޓެއްގެ މަސައްކަތް ނުކުރުމަށް ޕްލޭނިން މިނިސްޓްރީއިން އެންގީ ނޫންތޯ؟ އަދިވެސް އޮޅުވާލަން މަސައްކަތް ތިޔަ ކުރައްވަނީ. (އާރުޑީސީގެ އެމްޑީ މޫސާ މަނިކު) މޫކޭ ހަގީގަތަށް ވާހަކަ ދައްކަވާ. ކެޕޭސިޓީއެއް ނެތޭ ބުނޭ.“ މަންޑޭ ވިދާޅުވިއެވެ.
އަމީނީ މަގު ހެދުން ލަސްވުމާގުޅިގެން އާރުޑީސީއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އެކުންފުނިން އެންމެ ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަސައްކަތް ލަސްވަނީ އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުނު ލަސްވެގެން ކަމުގައެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެ މަގު ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް 84 މިލިއަން ރުފިޔާ ދީފައެވެ.

މާލެ ސިޓީ ކައުންސިލް އަތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލާ ޕްލޭނިންގް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުއެވެ. ނަމަވެސް ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު މަގު ހެދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އަލުން އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި އެކު ސޮއިކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލުކޮށްގެން އަމީނީ މަގު ހެދުމަަށް ނިންމާފައިވަނީ 39 މިލިއަން ރުފިޔާ އަށެވެ. އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން ނަގައި 84 މިލިއަން ރުފިޔާއަށް އަލުން އާރްޑީސީ އާއި ހަވާލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button