ޚަބަރުސިޔާސީ

690 މީހުނަށް ވިނަރެސް ފުލެޓު ނުލިބޭކަމަށް ލިސްޓް ނެރެފި!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 690 މީހުނަށް ވިނަރެސް ފުލެޓު ނުލިބޭކަމަށް ލިސްޓު ނެރެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުކުރި ލިސްޓުގައި ވާގޮތުން ވިނަރެސް ފުލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 1413މީހުންގެ ތެރެއިން ފުލެޓު ލިބޭ މީހުންގެ ގޮތުގައި ހިމެނިފައިވަނީ 723 ފަރާތެކެވެ.

ވިނަރެސް ފުލެޓުގެ ވަގުތީ ލިސްޓު ހާމަކުރުމަށް އެޗްޑީސީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ފާއިތުވެދިޔަ މަހުގައި ވިނަރެސް ފުލެޓުތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލިއުއޭޓު ކުރިއިރުގައި ފޯމު ހުށަހެޅި މީހުންގެ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާކަމަށާއި އަދި ފޯމުތައް އިވެލިއުއޭޓު ކުރުމުގެ މަސައްކަތް ހާމަކަންބޮޑު ގޮތެއްގައި ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިސްކަންދެނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށާއި ފޯމުތައް އިވެލިއުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ރައްޔިތުންގެ އިތުބާރު ހޯދިފައިވާނެ ކަމަށެވެ. ކުރިއަށްއޮތް ތަނުގައިވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

ވިނަރެސް ފުލެޓުގެ ވަގުތީ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ.

ވިނަރެސް ފުލެޓު ތަކުގެ އެޕާޓުމެންޓުގެ އަގު އުޅެނީ 2.5 މިލިއަނާއި 3 މިލިއަނާއި ދެމެދުގެ އަގުތަކެއްގައެވެ. މިއީ ޗައިނާގެ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏާއި، ރައީސް ޔާމީން ވެރިކަމުގައި އަޅަން ހަވާލުކުރި ފުލެޓުތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button