ގޭންގްތަކުގެ ބާރު ހިނގާހާ ހިނދަކު ކުށް ސާބިތެއްނުކުރެވޭނެ: އުމަރު ނަޞީރު

ރާއްޖޭގައި ގޭންގްތަކުގެ ބާރު ހިނގާހާ ހިނދަކު ކުށް ސާބިތެއް ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިކަމުގެ ތުހުމަތުކުރެވޭ އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެންނެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖްގައި މިކަމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނަކީ ބާރުގަދަ ބަޔަކަށް ނުވާހާ ހިނދަކު، ބާރުގަދަވާނީ ގޭންގް ތަކުގެ ކަމަށާއި، އަދި ގޭންގް ތަކުގެ ބާރު ހިނގާހާ ހިނދަކު ކުށްސާބިތެއްނުކުރެވޭނެ ކަމަށެވެ. މިއާއި އެކު އޭނާ ވިދާޅުވީ މިހެން ކަން ހިނގާނަމަ ހެކިން ހެކިބަސްދޭންވެސް ޖެހިލުން ވާނެ ކަމަށެވެ.
”ފުލުހުންނަކީ ބާރުގަދަ ބަޔަކަށް ނުވާހާ ހިދަކު ބާރުގަދަވާނީ ގޭންގް ތަކުގެ. ގޭންގް ތަކުގެ ބާރު ހިގާހާ ހިދަކު ކުށް ސާބިތެއްނުކުރެވޭނެ. ހެކިންނަށްހެކިބަސްދޭކަށް ނުކެރޭނެ“ އުމަރު ވިދާޅުވިއެވެ.
ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ.އޭގެ ދެ ދުވަސް ފަހުން ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.
މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި، ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
މީގެ އިތުރުން ނަދީމްގެ މަރާއި ގުޅިގެން ދަޢުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ފަހުން ހެކިބަސް އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެފައެވެ.
ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދަޢުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 14 ނޮވެމްބަރު 2022 ވީ ހޯމަ ދުވަހުގެ ރޭގައެވެ.