ޚަބަރު

ފުލައިން ސުކޫލުގެ ކޯސް ދިގުދެމިގެން ދިއުން: ދަރިވަރުންގެ ކަންބޮޑުވުން

އައްޑޫ ސިޓީ ގަމުގައި، ފްލައިން ސްކޫލުގެ ދަރިވަރުންނަށް އުދުހުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ކޯސް ނުނިމި ތިބެން ޖެހިފައިވާކަމަށްބުނެ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހިންގަމުންދާ ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައްޑޫ ފްލައިން ސްކޫލްގައި ޕައިލަޓުން ތަމްރީނުކުރުމުގެ މަސައްކަތް، މައްސަލަތައް ކުރިމަތިވެގެން ހުއްޓާލުމަށްފަހު އަލުން ފެށީ މިދިޔަ ޖުލައި މަހުގައެވެ. އޭރު މި މަސައްކަތް ހިންގީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އެވެ. އޭގެ ފަހުން މިހާރު ހިންގަނީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) އިންނެވެ.
ފުރަތަމަ ފަހަރަށް ކޯސް ފުރިހަމަ ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު ދެ ދަރިވަރުންކަމަށް އެމްއޭއޭ އިން ބުންޏެވެ. މޯލްޑިވިއަންއިން ހަވާލުވި ނަމަވެސް ހަރުދަނާކަމާއެކު ތަން ނުހިންގޭކަމަށާއި ކޯސް ނުނިމި ދިގުދެމިގެންދާަކަމަށް ބުނެ ދަރިވަރުން ކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ.

ދަރިވަރުން ބުނިގޮތުގައި އުދުހުމުގެ ހުއްދަ ހޯދުމަށް އެމްއޭއޭ އިން އަދިވެސް ދަރިވަރުންގެ ސިޓީތައް ސިވިލް އޭވިއޭޝަންއަށް ފޮނުވާފައި ނުވާކަމަށާއި މިހާރު އެ ސިޓީތައް އެމްއޭއޭގެ ކޮލަޓީ ޑިޕާޓްމަންޓްގައި ހުންނަތާ ދެ މަސް ވެދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ތަމްރީނުތައް ހުއްޓިފައިވާކަމަށާއި ، އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން އެދެވޭ ޖަވާބެއް މޯލްޑިވިއަންއިން ނުދޭކަމަށް ދަރިވަރުންދަނީ ބުނަމުންނެވެ.

އިންސްޓްރަކުޓަރުންގެ ގޮތުގައި ކިޔަވައިދެނީ ހަތަރު ޓީޗަރުންނަށްވީއިރު ފްލައިން ސްކޫލުގައި ކިޔަވާ ވަރަށް ގިނަ ދަރިވަރުން ތިބި އިރު  އޭގެ ތެރެއިން އެއް އިންސްޓްރަކުޓަރު ދާން އުޅޭކަމަށާއި އަދި ސިމިއުލޭޓާ ނެތުމަކީވެސް ފުލައި ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ދަރިވަރުން ބުންޏެވެ.

މޯލްޑިވިއަނުން ކުރިން ބުނި ގޮތަށް ދެ ދުވަހުން އެއްދުވަހު އުދުހުމުގެ ތަމްރީނުތައް ކުރިއަށް ނުދާކަމަށާއި
ފްލައިން ސުކޫލުން އެޑިޔުކޭޝަނަށް މައުލޫމާތުދޭއިރުދެނީ ދޮގު މައުލޫމާތުކަމަށް ދަރިވަރުންދަނީ ބުނަމުންނެވެ. އަދި މި ކޯސް ނިމޭނެ މުއްދަތެއް ތާރީހެއްވެސް ނޭންގޭކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ބޮލުގައި ބޮޑެތި ދަރަނިތަކެއް އެޅި މިކަމުގައި ދަރިވަރުންގެ އާއިލާތަކަށް މާލީގޮތުން އަދި ނަފްސާނީ ގޮތުން ގެއްލުން ވަމުންދާކަމަށް ދަރިވަރުންދަނީ ބުނަމުންނެވެ.

ފްލައިން ސްކޫލުން ސީޕީއެއްލް ނިންމާ ކުދިން ސިންގަލް އިންޖީން އައިއާރް ރޭޓިން ހަދަން  ފޮނުވަނީ ލަންކާގެ އޯޕަން ސުކައި ކިޔާ އެކަޑަމީއަށް 45 ދުވަހަށްކަމަށާއި ސަބަބަކީ ފްލައިން ސްކޫލުން ސިންގަލް އިންޖީން އައިއާރް ރޭޓިން ނުހެދޭތީކަމަށެވެ.

”އެކަމަކު މޯލްޑިވިއަންއާއެކު މި ކޯސް ފުރިހަމަކުރުމަށް ބައިވެރިވީ އެތަނުން ކޯސް ފުރިހަމަ ކުރެވޭނެކަމުގެ ފޮނި ހުވަފެންތައް ދައްކާފައިވާތީ. ފުރަތަމަ ބެޗްގެ ތެރެއިން ބަރސަލޯނާއަށް ދިޔަ ދަރިވަރުން މިހާރުވަނީ އެތަނުން އެއްމަސްތެރޭ އެއްކޮށް ނިންމާފަ ރާއްޖެ އައިސްފަ. ފުރަތަމަ ބެޗްގަ ރާއްޖޭގައި ކިޔަވަމުން ދިޔަ ދަރިވަރުން އަދިވެސް އެއްކޮށް ނުނިމިދަނީ.“ ދަރިވަރުން ބުންޏެވެ.

މޯލްޑިވިއަންއިން ފުލައިން ސުކޫލާ ހަވާލުވީ ތަން ހިންގާނެކަމުގެ ޔަގީންކަމާއެކުގައި ކަމުގައިވިއަސް އެތަނުގެ ހާލަތު ރަނގަޅުކުރެވިފައިނުވާކަމަށް ދަރިވަރުންދަނީ ބުނަމުންނެވެ. 18 މަހުން ނިމެންއޮތް ކޯސް ދެމިގެންމިދަނީ ފަސް އަހަރަށް ކަމަށް ދަރިވަރުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button