
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި، ހޮރައިޒަން ފިޝަރީޒްއިން މާންދޫގައި ހިންގާ މަސްކާރުހާނާއިން މަސްކިރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ ކުއްލި މައްސަލައެއް ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލީހުގައި ދެ މެންބަރަކު ވަނީ މި މައްސަލަ ކުއްލި މައްސަލައެއް ގޮތުގައި ހުށަހަޅާފައެވެ. އެއީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއެވެ. ދެ މެންބަރުން މެދުގައި ގުރުއަތު ލައިގެން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބުނީ މެންބަރު ވިސާމްއަށެވެ.
ހޮރައިޒަން ފިޝަރީޒްއިން މާންދޫގައި ހިންގާ މަސްކާރުހާނާއަކީ ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިންނަށް ވަރަށް މުހިއްމު ތަނެއްކަމަށާއި ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ވަރަށް ދުވަސްތައް ވޭތުވެ ހިނގައްޖެކަމަށް ވިދާޅުވެ ވިސާމް އިތުރައް ވިދާޅުވީ މަސްވެރިިން ބާނާ މަސް ނުކިރުމާއި، މަސް ކިރޭ ފަހަރުވެސް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށް އަރާކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން މިދިޔަ މަހުވެސް މަސްވެރިންވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މިހާރުވެސް 26 ދޯންޏަކުން އަންނަނީ މާންދޫގައި މިހާރުވެސް އިހުތިޖާޖުކުރަމުންނެވެ.
މަސްވެރިންނަށް ދިމާވެފައިވާ މި ދަތި އުނދަގޫތައް ހައްލުކޮށްދެއްވައި މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ މަސައްކަތް ކުރުމަށް މެންބަރު ވިސާާމް އެދިވަޑައިގެންނެވިއެވެ.