
ޒުވާނުން މަސްތުވާތަކެތިން ދުރު ކުރަން ޖެހެނީ ޔޫތު މިނިސްޓްރީ އިން ނޫން ކަމުގައި އެ މިނިސްޓްރީގެ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާ މީހަކީ އެބޭފުޅާ ނޫން ކަމުގައެވެ. އެ މަސްއޫލިއްޔަތު ހަވާލުކޮށްފަ އޮތީ ހެލްތު މިނިސްޓްރީއަށް ކަން މަހުލޫފު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މިނިސްޓްރީއަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބައިވެރިޔާކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ އެކަމުގައި އެ މިނިސްޓްރީއިން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގައެވެ.
”މި މިނިސްޓްރީގެ ޔޫތު އިންނާތީ ފާޑުކިޔުން އަމާޒުވޭ. ކީއްހޭ ކުރަނީ. ހަގީގަތަކީ މަސްތުވާތަކެއްޗަށް ބެލިޔަސް އެހެނިހެން މައްސަލަތަކަށް ބެލިޔަސް އެންމެ ގިނަ އޭގެ އަސަރު ކުރާ އެއް ބަޔަކީ ޒުވާނުން. އެހެންވީމަ ކޮންމެ ފަރާތަކަށްވެސް ހީވަނީ ހައްލު ނެތޭ ތަނަކީ މިއީ އޭ. އެކަމަކު މިތާނގަ ހަގީގަތުގަ އޭގެ ޓެކްނިކަލް ބޭފުޅުންވެސް މަސައްކަތެއް ނުކުރައްވާނެ.“ މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އެކަން ކުރާނީ އެހެން އިދާރާތަކުން ކަމަށާއި އެކަމަށް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގައެވެ.