އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވިއިރު، ކޮން ބައެއްކަން ދެނެގަންނަނީ

ރޭ ގާތްގަނޑަކަށް 12:30 ހާއިރު އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ.ނިރުފެހީގައި ހުންނަ ގަރާޖެއްގައެވެ.
މިހާދިސާގެ މައުލޫމާތު ލިބުމާގުޅިގެން އެސަރަހައްދަށް އެމްއެންޑީއެފްގެ ފަޔަރ ޓީމް ވަނީ ގޮސްފައެވެ. އަދި އާމުންނާ ފުލުހުން ގުޅިގެން އެސަރަހައްދުގައި ހުރި ގިނަ ސައިކަލުތައް ވަނީ ދުރައް ޖައްސާފައެވެ.
އެމްއެންޑީއެފްގެ ފަޔަރ ޓީމް އިން ވަނީ އެހާދިސާ ހިނގި ގަރާޖު ގައި ރޯވެފައިވާ އަލިފާންގަންޑު ހަތަރު ގަޑިއިރު ވަންދެން ކުރެވުނު މަސައްކަތުން ނިއްވާލާފައެވެ. އެވަގުތުގައި އެތަނުގައި ތާށިވެފައިވާ 14 ބިދޭސީން އެމްއެންޑީއެފްގެ ފަޔަރ ޓީމް އިން ވަނީ ސަލާމަތްކޮށްފައެވެ.
ގަރާޖެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 10 އަކަށް އަރާފައެވެ. މިހާދިސާގައި މަރުވި މީހުންގެ ހަޑިގަނޑުތައް ވަނީ މޯޗަރީއަށް ގެންގޮސްފައެވެ. އަދި އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެނެވެ.
އެނގިފައިވާގޮތުގައި ތިން ބުރިއަށް ލަކުޑި ޑެކް އަޅައިގެން ހަދާފައިވާ އެ ގަރާޖުގައި މުޅިންވެސް މަސައްކަތްކުރަނީ އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން ލަންކާގެ ބިދޭސީންނެވެ. މިތަނުގައި ގާތްގަނޑަކަށް 75 މީހުން ދިރި އުޅޭކަމަށް ވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ތަހުގީގް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.