ޚަބަރު

ޝައިޚް ފަޒްލޫން ބަންދުކުރަން އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު

ޔޯގާ ހަރަކާތާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ، ޝައިޚް ފަޒްލޫން ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން މިއަދު ހައިކޯޓުގައި ތާވަލްކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށްދިޔަ ވަގުތު އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ޝައިޚް ފަޒްލޫން ހައްޔަރުކުރީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެއަށްފަހު ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރު ކުރުމަށްފަހު، ޖުލައި މަހުގެ 21 ވަނަ ދުވަހު ޝަރުތުތަކަކާއިއެކު ކްރިމިނަލް ކޯޓުން ޝައިޚް ފަޒްލޫން ބަންދުން ދޫކޮށްލަން އަމުރުކުރިއެވެ.

އެހެންނަމަވެސް ޕީޖީއިން ބޭނުންވަނީ މުއްދަތެއް ނެތް ގޮތަށް ޝައިޚް ފަޒްލޫން ބަންދުގައި ބަހައްޓާށެވެ. ޕީޖީން ބުނެފައިވަނީ ޝައިޚް ފަޒްލޫން އަކީ މުޖުތަމައުއަށް ދޫކޮށްލައިފިނަމަ ނުރައްކާތެރި އަމަލެއް ހިންގައިފާނެ ފަދަ މީހެއް ކަމަށެވެ.

ޝައިޚް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލްކޮށް މުއްދަތެއް ނެތްގޮތަށް ބަންދުކުރުމަށްއެދި ދަޢުލަތުގެ ފަރާތުން ހައިކޯޓުއަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައިވާކަމަށާއި، އެންމެހާ އަޚުންނާއި އުޚުތުންގެ އިޚްލާސްތެރި ދުޢާއަށް އެދިވަޑައިގަންނަވާކަމަށެވެ.

ޝައިޚް ފަޒްލޫން އަލުން ބަންދުކުރަން ކުރިއަށްގެންދާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މިއަދު 13:45 ގަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button