ޚަބަރުސިޔާސީ

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް ދޮންދިގު އިއުތިރާފް ވެއްޖެ

އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އިއުތިރާފް ވެއްޖެއެވެ.

ލިވާތު ކުރި ކަމުގެ ކުށަށް އިއުތިރާފް ނުވި ނަމަވެސް އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވެފައިވާ ދޮންދިގު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ކުރި ކުށަށް ތައުބާވެ ހިތާމަ ކުރާ ކަމުގައެވެ.
”އަޅުގަނޑުގެ ކުށަށް މި އިއުތިރާފްވަނީ، އަޅުގަނޑު ރާއްޖެއިން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ މި މި ކުރެވުނު ކުށުގެ އަދަބާއި ކުރިމަތިލުމަށް ބޭނުންވާތީ.“ ދޮންދިގު ބުންޏެވެ.

އޭނާ ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

އަލަމްގީރާއެކު ލިވާތު ކުރި ކަމުގެ ތުހުމަތު ދޮންދިގަށް ކުރި ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ އަމަލެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފް ވެފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު މިދިޔަ ބުރާސްފަތި ދުވަހު 3 މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނާޒިމް ކުށަށް އިއުތިރާފު ވުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ. އަދި ޝަރީއަތުން ނިންމީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އެގޮތަށް ހުކުމް އައިސްފައިވަނީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެފައި، އިއުތިރާފު ވުމުގެ ސަބަބުން ކުށުގެ އަދަބު ދެ ދަރަޖަ ދަށް ވުމާ ގުޅިގެންނެވެ.

ނާޒިމް އާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގި އަލަމްގީރުވެސް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އޭނާ އަށް އައީ 7 މަހުގެ ޖަލު ހުކުމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button